02 Aug 2018, 12:12
އިދިކޮޅު އެމްޑީޕީން އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ރި-ރެޖިސްޓްރޭޝަނަށް ހުށަހެޅި ފޯމުތައް އަދި 10،000 އަށް ނާރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ.
އިދިކޮޅުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ރި-ރެޖިސްޓްރީވާން ހުށަހަޅާފައިވާ ފޯމުތަކުގެ ތެރޭން 10،000 ފޯމަށް އޮރިޖިނަލް ސްލިޕް ނުލިބޭ ކަމަށެވެ.
އެކަމާ ގުޅިގެން 'ސަން' އިން ސުވާލު ކުރުމުން ޝަރީފު ވިދާޅުވީ އެމްޑީޕީން އަދި 10،000 ފޯމު ހަމަވާ ވަރަށް ރި-ރެޖިސްޓްރީއަށް ފޯމް ހުށަހަޅާފައި ނެތް ކަމަށެވެ.
ޝަރީފު ވިދާޅުވީ މިހާތަނަށް 27،000 ފޯމު ރި-ރެޖިސްޓްރޭޝަން އަށް ހުށަހަޅާފައިވާ ކަމަށެވެ. އޭގެތެރޭގައި އެމްޑީޕީން 10،000 ފޯމު ހުށަހަޅާފައި ނެތް ކަމަށް ޝަރީފު ވިދާޅުވި އެވެ.
"ދެން އެބޭފުޅުން މި ހުށަހަޅަނީވެސް 10 ފޯމުން ދިހަ ފޯމުން އެކި މީހުން އައިސް. އެކަމަކު އަދި 10،000 ފޯމެއް ހަމައެއް ނުވާނެ،" ޝަރީފު ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާތަނަށް އިލެކްޝަނަށް ހުށަހަޅާފައިވާ 24،000 ފޯމުގެ ތެރޭން 17،000 ފޯމަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުށަހަޅާފައިވާ ފޯމުތައް ކަމަށެވެ.
ރި-ރެޖިސްޓްރީ ވާނެ އެދުމުގެ އެންމެ ފަހު ތާރީއަކީ މިމަހުގެ 17 ވަނަ ދުވަސް ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.