ޖެހިޖެހިގެން 10 ޖަލްސާއަށް ހާޒިރު ނުވެގެން ބ. ތުޅާދޫ ކައުންސިލުން ވަކިކުރި އުމައިރާ އަބޫބަކުރަށް އޮފީހުގައި މަސައްކަތް ކުރެވޭނެ ފަދަ މާހައުލެއް ގާއިމްކޮށްދިނުމަށް އެދި ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް އުމައިރާ މައްސަލަ ހުށަހަޅުއްވައިފި އެވެ.

ބުރާސްފަތި ދުވަހު ވެއްދި އެ މައްސަލައާ ގުޅޭ ގޮތުން އުމައިރާ ރޭ ވިދާޅުވީ ތުޅާދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ކައުންސިލްގެ އެހެން މެންބަރުން އޭނާ އަށް ތަފާތު އުނދަގޫތައްކޮށް އޮފީހުގައި މަސައްކަތް ކުރުމަށް ދަތިތަކާއި ކުރިމަތިކުރަމުން ގެންދާތީކަމަށެވެ.

"އެބޭފުޅުން އަދިވެސް އަޅުގަނޑަކީ މެންބަރެއް ކަމެއް ގަބޫލެއް ނުކުރައްވާ. އެބޭފުޅުން އަޅުގަނޑަށް ޖަލްސާއަކަށް ނުކިޔާ. އަޅުގަނޑު ވަންނައިރަށް ޖަލްސާ ހުއްޓާލަނީ. މިފަދަ މާހައުލެއްގައި އަޅުގަނޑުގެ ޒިންމާ އަދައެއް ނުކުރެވޭނެ. އެހެންވެ އަޅުގަނޑު ނިންމީ އެކަހަލަ މާހައުލެއް ގާއިމްކޮށްދިނުމަށް އޮތް ގޮތަކީ ކޯޓަށް ދިއުމޭ،" ތުޅާދޫ ކައުންސިލްގައި އިންނަވާ ހަމައެކަނި ޑީއާރުޕީގެ މެންބަރު އުމައިރާ ވިދާޅުވި އެވެ.

އެ އުނދަގޫތަކާ ގުޅިގެން އުމައިރާ ކޯޓުގައި އެދުނީ ކައުންސިލް މެންބަރެއްގެ ޒިންމާ އަދާކުރެވޭ ފަދަ މާހައުލެއް ތަނަވަސްކޮށްދިނުމަށް ކައުންސިލްގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.

ޑީއާރުޕީން އުމައިރާގެ މައްސަލަ ހައިކޯޓަށް ވެއްދުމުން އެ ކޯޓުން ހުކުމް ކޮށްފައި ވަނީ، ތުޅާދޫ ކައުންސިލްގެ ބައި- އިލެކްޝަން ނުބޭއްވޭނެ ކަމަށެވެ.

އެ މައްސަލައިގާ ތުޅާދޫ ކައުންސިލާއި ލޯކަލް ގަވާރުމެންޓް އޮތޯރިޓީ އަދި އަތޮޅު ކައުންސިލުގެ މެދުގައި ވަނީ ހިޔާލުތަފާތުވެފަ އެވެ.