02 Aug 2018, 11:12
ނޫސްވެރިޔާ ރިލްވާން އަހުމަދު ގެއްލުނު މައްސަލާގައި ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ސާބިތު ނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
އާލިފް އާއި ނޫރައްދީންގެ މައްޗަށް ދައުވާ ކުރީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ށ) އާ ހަވާލާދީ 6 ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. އެ ދެމީހުންގެ މައްޗަށް ދައުވާ ކުރީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ އަށް ވަނަ ދުވަހުގެ ރޭ އާލިފްގެ މިލްކުގައިވާ ރަތް ކުލައިގެ ކާރަކަށް ރިލްވާން ގަދަކަމުން އަރުވައިގެން ފޮރުވާފައިވާ ކަމުގެ ތުހުމަތުގަ އެވެ.
މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ރިލްވާން ގެއްލުނު މައްސަލަ ތަހުގީގު ކުރުމުގައި ތަހުގީގީ އިދާރާއިން ދޫކޮލައިގެން ނުވާނެ މުހިންމު އިޖުރާއަތްތަކެއް ދޫކޮށްލައިފައިވާ ކަމަށެވެ.
އެގޮތުން ރިލްވާން އެރުވި ކަމަށް ބުނާ ރަތް ކާރު އޮތީ އެހެން ތަނެއްގައި ކަން ސާބިތުވެދާނެ ސީސީޓީވީ ފޫޓޭޖު ނަގަން ފުލުހުންގެ ކިބައިން އެދުނު ނަމަވެސް އެ ފޫޓޭޖު ނަގާފައި ނުވާކަން ހުކުމުގައި ފާހަގަކޮށްފައިވެެ އެވެ. އަދި ރިލްވާން ވަގަށް ނެގި ކަމަށް ބުނާ ހާދިސާ ހިނގި ސަރަހައްދުން ފެނުނު ކަމަށް ހެކިވެރިން ބުނާ ވަޅީގެ ފޮރެންސިކް އެނަލިސިސް ފުލުހުން ހަދާފައި ނުވާކަން ވެސް ފާހަގަކޮށްފައިވެ އެވެ.
ހުކުމުގައި ބުނެފައި ވަނީ އާލިފް އާއި ނޫރުއްދީން އާއި ދެކޮޅަށް ހުށަހެޅި އެއްވެސް ހެކިވެރިއަކު ރިލްވާން އެރުވި ކަމަށް ދައުލަތުން ބުނާ ކާރުގެ ރެޖިސްޓްރީ ނަމްބަރު ބުނެފައި ނުވާ ކަމަށާއި ދައުލަތުން ވެސް ކާރުގެ ރެޖިސްޓްރީ ހުށަހަޅާފައި ނުވާ ކަމަށެވެ. އެހެން ކަމުން ރިލްވާން ވަގަށް ނެގި ކަމަށް ބުނާ ރޭގައި ފެނިފައި ވަނީ ކާކުގެ ރަތް ކާރުކަން އެނގެން ނެތް ކަމަށް ބުނެފައިވެ އެވެ.
މީގެ އިތުރުން ފާހަގަކޮށްފައި ވަނީ ކުށުގެ ވެށިން އާލިފް އާއި ނޫރުއްދީން ފެނިފައިވާކަން އެއްވެސް މީހެއްގެ ހެކިބަހުން އެނގެން ނެތްކަމެވެ.
އާލިފްގެ މިލްކުގައިވާ ރަތް ކާރުގެ ތެރެއިން ފެނުނު ކަމަށް ފުލުހުން ބުނާ އިސްތިށީގެ ޗެއިން އޮފް ކަސްޓަޑީ ވެސް ހަދާފައި ނުވާތީ އެއީ ކޮންތަނަކުން ކޮން ވަގުތެއްގައި ނެތި އިސްތަށިތަކެއްތޯ އެނގެން ނެތްކަން ވެސް ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އަދި ކާރުން ފެނުނު އިސްތަށީގެ އެމްޓީޑީއެންއޭ ރިލްވާންގެ މަންމަގެ އެމްޓީޑީޢެންއާއި ދިމާވެފައިވާ އިރު، އެ އެމްޓީޑީއެންއޭ އަކީ ރިލްވާންގެ މަންމަގެ ފަރާތުން އެމްޓީޑީއެންއޭ ވާރުތަވާ އެހެން މީހެއްގެ އެމްޓީޑީއެންއޭ އަށް ވުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ. އެހެން ކަމުން އެ އިސްތައްޓަކީ ކަނޑައެޅިގެން ރިލްވާންގެ އިސްތަށި ކަމެއް ދައުތަލަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.
މި ސަބަބުތަކަށް ޓަކައި މިއަދު ގާޒީ އާދަމް އާރިފް ހުކުމް ކުރެއްވީ އެކަށީގެންވާ ސާބިތުވާން ޖެހޭ މިންވަރަށް ހެއްކާއި ގަރީނާ ދައުލަތުން ހުށަހަޅާފައި ނުވާތީ އަދި ތަހުގީގު ކުރާ ފަރާތްތަކުން ފުރިހަމަ ކުރަން ޖެހޭ އިޖުރާއަތްތަކެއް ދޫކޮށްލާފައިވާތީ އާލިފް އާއި ނޫރުއްދީންގެ މައްޗަށް މައްސަލަ ސާބިތު ނުވާ ކަމަށެވެ.
އާލިފް އާއި ނޫރުއްދީންގެ މައްޗަށް ދައުވާ ސާބިތު ކުރުމަށް ދައުލަތުން 29 ހެއްކެއް ހުށަހަޅާފައިވެ އެވެ. އޭގެ ތެރޭގައި ހަތް ސިއްރު ހެކިވެރިން ހިމެނެ އެވެ.
ރިލްވާން ގެއްލުނު މައްސަލައިގައި އާފިލް އާއި ނޫރުއްދީންގެ އިތުރުން ސ. ހުޅުދޫ، އަތީރީގޭ މުހައްމަދު ސުއައިދު މައްޗަށް ވެސް ދައުވާކޮށްފައިވެ އެވެ. އެހެން ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް އޭނާގެ އާއިިލާ އިން ވަނީ ބުނެފަ އެވެ. ފުލުހުންނަށް އޭނާ ހޯދައި ނުފެނުމުން އޭނާ ފެނުުނު ދުވަހަކުން މައްސަލަ ކުރިއަށް ގެންދެވޭ ގޮތަށް މައްސަލަ ވަނީ އަނބުރާ ގެންގޮސްފަ އެވެ.
ރިލްވާން ގެއްލުނު ހާދިސާ ހިނގާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 8 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގަ އެވެ. އެފަހުން އޭނާގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ގިނަ އަދަދެއްގެ ބަޔަކު ދަނީ ގޮވާލަމުންނެވެ.