ވޮޝިންޓަން(އޮގަސްޓު 2): ތުރުކީން އެމެރިކާގެ ފާދިރީއަކު ހައްޔަރު ކުރުމާ ގުޅިގެން އެގައުމުގެ ދެ މިނިސްޓަރުންނާ ދެކޮޅަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިއެވެ.

ތުރުކީގައި ދިރިއުޅޭތާ 23 އަހަރުވެފައިވާ އެންޑުރޫ ބްރަންސަންގެ މައްޗަށް އެގައުމުން ވަނީ ޓެރަރިޒަމާއި ޖާސޫސު ކުރުމުގެ ދައުވާކޮށް، ގޭބަންދުގައި ބަހައްޓައިފައެވެ.

އެމައްސަލައާ ގުޅިގެން އެމެރިކާއިން ފިޔަވަޅު އެޅީ ތުރުކީގެ ޖަސްޓިސް މިނިސްޓަރު އަބްދުލްހަމިތު ގުލްއާއި އިންޓީރިއާ މިނިސްޓަރު ސުލޭމާން ސޮއިލޫއާ ދެކޮޅަށެވެ.

ވައިޓް ހައުސް ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ވިދާޅުވި ގޮތުގައި އެފިޔަވަޅު އަޅަން ޖެހުނީ ބްރަންސަން އެއްވެސް ކުށެއް ކުރި ކަމުގެ ހެއްކެއް ނެތުމުންނާއި އޭނާ ހައްޔަރުކޮށްފައި ވަނީ ނާއިންސާފުން ކަމަށް ބެލެވޭތީއެވެ.

އަދި އެދެ މިނިސްޓަރުންނަކީ "ތުރުކީގައި އިންސާނީ ހައްގުތަކަށް އަރައިގަންނަ، ސަރުކާރުގެ އިދާރާތަކުގައި އިސްކޮށް އުޅުއްވާ ދެ މިނިސްޓަރުންނަށް ވާތީ" ކަމަށް ސޭންޑާސް ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ބްރަންސަން ދޫކޮށްނުލައިފި ނަމަ ތުރުކީއާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ރައީސް ޓްރަމްޕް ވަނީ އެކަމާ ބެހޭ ގޮތުން ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާވެސް ތަކުރާރުކޮށް ވާހަކަ ދައްކަވާފައި ކަމަށް ސޭންޑާސް ވިދާޅުވިއެވެ.

ތުރުކީ ސަރުކާރުން ވަނީ އެމެރިކާގެ އެނިންމުން އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ. އަދި އެމެރިކާއިން ފާދިރީ ދޫކޮށްލުމަށް ގޮވާލުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ.

ބްރަންސަން ހައްޔަރު ކުރީ އެގައުމުގައި މަނާކޮށްފައިވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އާއި ގުލެނިސްޓު މޫވްމެންޓާ ގުޅުން އޮތް ކަމުގެ ތުހުމަތުގައެވެ. ތުރުކީން ބުނާ ގޮތުގައި 2016 ވަނަ އަހަރު އެގައުމަށް ގެންނަން މަސައްކަތް ކުރި ބަޣާވާތުގެ ފަހަތުގައި ވަނީ ދީނީ އިލްމުވެރިޔާ ފަތުހުﷲ ގުލެންއާއި އޭނާއަށް ތާއިދު ކުރާ ފަރާތްތަކެވެ.

ބްރަންސަންގެ މައްޗަށްކޮށްފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 35 އަހަރުގެ ޖަލު ހުކުމެއް ކުރާނެ އެވެ. (ބީބީސީ)