ދެހާސް ދިހައެއްގައި ރިލީޒް ކުރި "ރާވަން" އަށް ފަހު ބޮލީވުޑްގެ ކާމިޔާބު ދެމަފިރިން ކަމަށްވާ އަބީޝޭކް ބައްޗަން އަދި އައިޝްވާރިޔާ ރާއީ އެކުގައި މަސައްކަތް ކުރުމަށް ނިންމައިފި އެވެ.

އަށް އަހަރު ފަހުން އެދެތަރިން އެކުގައި ފެނިގެންދާނެ ފުރަތަމަ ފިލްމަކީ ސަރްވޭޝް މެވާރާ ޑައިރެކްޓްކޮށް އުފައްދާ ފިލްމު "ގުލާބު ޖާމޫ" އެވެ.

އަނޫރާގް ކެޝަޕް ޕްރޮޑުސްކުރާ އެ ފިލްމު ދެތަރިންނަށް ހުށައަޅާފައިވާތާ ފަސްވަރަކަށް އަހަރުވެދާނެ ކަމަށާއި ނަމަވެސް ފިލްމު ޝޫޓް ނުކޮށް ލަސްކުރީ ފިލްމުގެ ސްކްރިޕްޓް އާ މެދު ދެތަރިން ވެސް ހިތްހަމަ ނުޖެހޭތީ ކަމަށް ބައެއް ޚަބަރުތައް ބުނެ އެވެ.

ސްކްރިޕްޓް ބަދަލުކޮށް އަލުން އެ ފިލްމު ކުޅެން އެއްބަސްވިއިރު މި ފިލްމަކީ އަނޫރާގްގެ ފިލްމެއްގައި ބަތަލަ އައިޝްވާރިޔާ ކުޅޭ ފުރަތަމަ ފިލްމު ވެސް މެ އެވެ.

ފިލްމާ ގުޅޭ ގޮތުން މީޑިއާ އަށް މައުލޫމާތު ދެމުން އައިޝްވާރިޔާ ބުނީ މި ފިލްމު ވެގެންދާނީ ޝައުގުވެރި އަދި ތަފާތު ފިލްމަކަށް ކަމަށެވެ.

"ގިނަ ޕްރޮޑިއުސަރުން ވެސް ޑައިރެކްޓަރުން ވެސް އާދޭ ފިލްމު ހުށައަޅަން ދެމީހުންނަށް. އެކުގައި މަސައްކަތް ކުރަން. އެކަމަކު ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓް އެއް ނުފެންނާތީ ފަސްވަނީ،" އޭނާ ބުންޏެވެ.

ފިލްމުގެ ސްކްރިޕްޓް ވަރަށް ކަމުދިޔަ ކަމަށް ވެސް އޭނާ ބުންޏެވެ.