ޑާކްރެއިންއެންޓަޓެއިންމަންޓް އިން ކުރިއަށް ގެނެސްދިނުމަށް ހަމަޖެހިފައިވާ ފިލްމު "ގޮށްރާޅު"ގެ ޓްރެއިލާ ބަލާލުމަށް އާންމުންނަށް ހާއްސަ ފުރުސަތެއް އެ ޓީމުން ހުޅުވާލައިފިއެވެ.

ފިލްމުގެ ޕްރޮޑިއުސަރު އަހުމަދު އަލީ (މޮގާ) ބުނީ ޓްރެއިލާ ބަލާލަން ބޭނުންވާ ކޮންމެ މީހަކަށް ވެސް މިހާރު އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި ޓްރެއިލާ ދެއްކުން އޮންނާނީ މި މަހު ހަތަރެއްގައި ކަމަށެވެ.

ޓްރެއިލާ ބަލާލުމަށް ކަނޑައެޅިފައިވަނީ ލިމިޑެޓް ސީޓުތަކެއް ކަމަށާއި ޑާކްރެއިންގެ އޮފިޝަލް ފޭސްބުކް އަށް މެސެޖުކޮށްގެން ސީޓުތައް ބުކް ކުރެވިގެންދާނެ ކަމަށް ވެސް މޮގާ ބުންޏެވެ.

"ޕޭޖަށް މެސެޖުކޮށްލަންވީ ނަމާއި ފޯނު ނަންބަރު ޖެއްސެވުމަށްފަހު. އޭރުން މިކޮޅުން ގުޅާލާފައި އަންގާނެ ކޮން ގަޑިއަކުތޯ އަދި ކޮންތާކަށްތޯ ދާންވީ. މިއީ ހަމަ ހިލޭ ފުރުސަތެއް،" މޮގާ ސަން އަށް ބުންޏެވެ.

އެ ފިލްމަކީ ކްރައިމް ތްރިލާ ފިލްމެކެވެ. ގޮށްރާޅު ޑައިރެކްޓް ކުރަނީ އަހުމަދު ޝިނާން އެވެ.

ޑައިރެކްޓަރު މޫމިން ފުއާދުގެ ސްކްރީން ޕްލޭއަކަށް ހަދާ އެ ފިލްމުގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފްވާ ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ޔަޝްފާ، އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ނާޝިދު، ހަމްދާން ފާރޫގު، ނުޒުހަތު ޝުއައިބު (ނުޒޫ) އެވެ.

"ގޮށްރާޅަކީ މަސައްކަތުގެ ތެރެއިން މީހަކު އުފައްދާ ހަމަނުޖެހުމަކަށް ކިޔާ ނަމެއް،" މޮގާ ބުންޏެވެ.