02 Aug 2018, 08:55
ފުޓްސަލްއަކީ ފުޓުބޯޅައިގެ ބަދަލެއް ނޫން ކަމަށާއި، ފުޓުބޯޅަ ތަރައްގީކޮށް، އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަކީ އަދިވެސް އޮތް ޗެލެންޖެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީންގެ ކުޅިވަރު ތަސައްވަރުގައި ހިމެނޭ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ރަސްމީކޮށް ހުޅުވުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް މިހާތަނަށް ކޮށްދެވުނު މަސައްކަތްތަކާއެކުވެސް، ގިނަ ކަންތައްތަކަކަށް ބޭނުންވާ ރަށްތައް އަދިވެސް އެބައޮތް ކަމަށެވެ.
ކުރިން އެޅި ޓައިލް ދަނޑުތައް ޓާފަށް ބަދަލުކުރުން ކަހަލަ ގިނަ ކަންކަން މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުޓްސަލްގެ އޭ، ބީ، ސީ ކެޓަގަރީގެ ދަނޑުތައް މިހާރުވެސް ރަށްރަށުގައި އެޅެމުންދާ ކަމަށްވެސް ރޭގެ ހަފްލާގައި ރައީސް ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި، ގައުމީ ކުޅިވަރާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ ފުޓްސަލް ދަނޑުތައް ގާއިމް ކުރެވުމަކީ މުހިއްމު ކަމެއް ނަމަވެސް، އަދިވެސް ފުޓުބޯޅަ ތަރައްގީކުރަން އިންފްރާސްޓްރަކްޗާ ބޭނުންވާ ކަމަށެވެ.
"މިހާރުވެސް އަޅުގަނޑުމެންނަށް އޮތް ޗެލެންޖަކީ ރެގިއުލާ ފުޓުބޯޅަ. ފުޓްސަލް އަކީ ރެގިއުލާ ފުޓްބޯލް ރިޕްލޭސް ކުރާނެ އެއްޗެއް ނޫން. ރެގިއުލާ ފުޓްބޯލްގެ ދަނޑުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަން ޖެހޭ. މިރޭ މި އިހްތިފާލް ކުރަނީ ފުޓްސަލް ދަނޑުތަކެއްގެ ވާހަކަ. ކުޅިވަރުގެ ވައްޓަފާޅިއަށް މިވަނީ ބަދަލުތަކެއް އައިސްފަ. އެހެން ނަމަވެސް ނޭޝަނަލް ސްކޮޑުތައް ރީޖަނަލީ މި ވާދަކުރަނީ ރެގިއުލާ ފުޓުބޯޅައިގެ މުބާރާތްތަކުގައި. ރެގިއުލާ ފުޓުބޯޅަ ދަނޑުތައް މަރާމާތުކޮށް، އަދި އާ ދަނޑުތަކާއެކު މިދިޔަ ފަސް އަހަރުގައި 49 ދަނޑެއް ވަނީ ހުޅުވިފައި. އަދިވެސް ރެގިއުލާ ފުޓްބޯޅަ ދަނޑުތައް ރަށްތަކުގައި އިތުރު ކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޒުވާނުންނަކީ ހަކަތަ ހުރި ބައެއް ކަމަށާއި، ޒުވާނުންނަށް ބޭނުންވާ އެފަދަ ހުރިހާ ކަމަކަށްވެސް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ޒުވާނުންނަކީ އިންޕޭޝަންޓް ބައެއް. ރެސްޓްލެސް ބައެއް. އަޅުގަނޑު ވެރިކަމަށް ކުރިމަތިލި އިރު، މިކަހަލަ އިވެންޓެއްގައި ދެންނެވިން، ޒުވާނުންނަކީ ހަކަތަ ހުރި ބައެކޭ. އަޅުގަނޑު މި ދައްކަނީ ވަރަށް ބައިވަރު ކަންތައްތަކުގެ ވާހަކައޭ. އަޅުގަނޑާ ޗެލެންޖު ކުރައްވާށޭ. ޒުވާނުންގެ ހަކަތައާއެކު އަޅުގަނޑާ ކުރިމަތިލައްވާފަ ދެން ބުނުއްވާށޭ އަޅުގަނޑުގެ ބުންވަރު ހުރިވަރު. ދެންވެސް އަޅުގަނޑު ބުނެލަން ބޭނުންވަނީ ކުރިއަށް މިއޮތީވެސް އެކަހަލަ މޫސުމެކޭ، ޒުވާނުންގެ ހަކަތާއެކު އަޅުގަނޑުގެ ބުންވަރު އަންޑައެސްޓިމޭޓް ނުކުރައްވައްޗޭ،" ރައީސް ޔާމީން ރޭގެ ހަފްލާގައި ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާތަނަށް ކުޅިވަރުގެ އިންފްރާސްޓްރަކްޗާއަށް 500 މިލިއަނެއްހާ ރުފިޔާ ހަރަދުކުރެވިފައިވާނެ ކަމަށާއި، މި ސަރުކާރުން ކުޅިވަރު ސީރިއަސްކޮށް ނަގައިގެން ކުރި މަސައްކަތުން ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.