ދައުލަތުގެ ޓީވީ ޗެނަލް ކަމަށްވާ އެމްއެންބީސީ ވަން އިން ވިޔަފާރި އުސޫލުން ވިއްކާފައިވާ ވަގުތުތަކުގައި ދީނީ ދަރުސްތައް ގެނެސްދެމުން ދަނީ ސަރުކާރު ބަދުނާމު ކުރަން ކަމަށް ވިދާޅުވެ، ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތޮފާ ދައުލަތުގެ މީޑިއާ އަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

މުސްތަފާ މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެމްއެންބީސީ އިން ދީނީ ދަރުސް ފޮނުވަނީ ވަގުތު ވިއްކައިގެން ކަމަށާއި އެއީ ސައްތައިން ސައްތަ މުސްލިމުންނޭ ކިޔައިގެން އުޅޭ ބަޔަކު ކޮށްގެންވާނެކަމެއް ނޫން ކަމަށެވެ.

"..މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނެރޭ ދަރުސްތަކަށް ފައިސާ ނަގާށޭ މިއަދުގެ ސަރުކާރަކުން ނާންގާނެ. ދީނީ ދަރުސް ގެނެސްދޭ އިރު ޓީވީގެ ތިރީ ބަޔަށް އަރުވައިފައި އޮންނަނީ މިއީ ވިޔަފާރި އުސޫލުން ވިއްކާފަވާ ގަޑިޔެކޭ. އެއީ މިއަދުގެ ސަރުކާރު ބަދުނާމު ކުރުމުގެ ގޮތުން ބަޔަކު ހިންގާ ނުބައި އަމަލެއް. އެއްގޮތަކަށް ވެސް އެއީ ރަނގަޅުވާހަކައެއް ނޫން. އަޅުގަނޑަށް ހަމަޔަގީން މިއަދުގެ ސަރުކާރުންނާންގާނެ ޓީވީގެ ތިރީބަޔަށް އެހެން އަރުވާށޭ. މިނެޓުން މިނެޓަށް ފައިސާ ދައްކާށޭ. އަޅުގަނޑަކީ މިއަދުގެ ސަރުކާރުގެ ސިޔާސަތު ކަނޑައަޅާ ހިސާބުގައި އިންނަ މީހެއް." މުސްތަފާ ވިދާޅުވި އެވެ.

މުސްތަފާ ވިދާޅުވީ، ވިޔަފާރި އުސޫލުން ވިއްކައިގެން ދަރުސްތައް ފޮނުވުމަކީ "ސައްތައިންސައްތަ އިސްލާމީ ބަޔަކަށް ވެތިބެ އަޅުގނަޑުމެން ދިވެހީން މިކަމާ ލަދުގަންނަން ޖެހޭ" ކަމެއް ކަމަށެވެ.

އެމްއެންބީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު މުހައްމަދު އާސިފް (މޮންދު) މިރޭ ވިދާޅުވީ، މުސްތަފާގެ ބަހުރުވަ އަބަދުވެސް ހުންނަނީ އެގޮތަށް ކަމަށާއި، އެމްއެންބީސީ އަށް ރައްދު ދެއްވުމުގައި މުސްތަފާ އަބަދުވެސް ޒާތީގޮތެއް ގެންގުުޅުއްވާ ކަމަށެވެ.

"އަޅުގަނޑުމެން އެއްވެސް ހާލެއްގައި ސަރުކާރު ބަދުނާމުކޮށް އަދި ވަކި މީހަކު ބަދުނާމުކުރާކަށް އެމްއެންބީސީއަކުން މަސައްކަތެއްނުކުރަން. މިހާތަނަށް ވެސް މުސަތަފާ ފޮނުއްވާ މީޑިއާއަށް ފޮނުއްވާ މެސެޖުތަކާއި، ބަސްދީގަތުންތަކުގައި ސީދާ އެމްއެންބީސީ ބަދުނާމުކުރައްވަން ބަސްބުނުއްވާފައި ހުންނަކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ،" މޮންދު ވިދާޅުވި އެވެ.

މީގެއިތުރުން މޮންދު ވިދާޅުވީ، ވިޔަފާރި އުސޫލުން ވިއްކާ ޕްރޮގްރާމެއް ނަމަ އެއީ ދީނީ ޕްރޮގްރާމެއް ވިޔަސް އަދި އެނޫން ޕްރޮގްރާމެއް ވިޔަސް ޓީވީގެ ތިރިޔަށް ވިޔަފާރި އުސޫލުން ވިއްކާފައިވާ ވަގުތެއް ކަމަށް އަރުވާނެ ކަމަށެވެ. އެއީ ދީނީ ޕްރޮގްރާމަކަށް ވީތީ ކުރާކަމެއް ނޫން ކަމަށާއި ވިޔަފާރި އުސޫލުން ގަޑި ވިއްކުމަކީ އެ ކޯޕަރޭޝަންގެ ޕޮލިސީގެ ތެރޭގައި ހިމެނިފައިވާ ކަމެއް ކަމަށެވެ.