މޫނު ބުރުގާ އެޅިމީހުންނަށް ވަޒީފާ އަދާކުރެވޭގޮތަށް ސިވިލް ސާވިސްގެ ގާނޫނު ބަދަލު ކުރަން ޖެހޭކަމަށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީ ގައި ވާހަކަ ދައްކަވަމުން ޝަހީމް މިރޭ ވިދާޅުވީ މޫނު ބުރުގާ އަޅާ މީހުން ވަޒީފާ އިން ވަކި ކުރާ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ.

ޝަހީމް ވިދާޅުވީ ވަޒީފާއަށް ނިކުންނަ މީހުން ހެދުން އަޅަން ޖެހޭ ގޮތް ރާއްޖޭގެ ވަޒީފާތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށާއި އެތަނުގައި މޫނު ބުރުގާގެ މައްސަލައެއް ނޫޅޭ ކަމަށެވެ.

''އިސްލާމީ ޝަރީއަތް ހުއްދަ ކުރާ ކޮންމެ ހެދުމެއްގައި ވަޒީފާއަށް ދެވެން ވާނެ، ދެން އޮންނާނީ ކޮންކަހަލަ ގޮތަކަށްތޯ އެ ގަވައިދުތަކާ ކަންކަން ކުރިޔަަށް ގެންދާނީ އެކަންކަން ކަނޑައަޅާނީ ކަމާ ބެހޭ އިދާރާތަކުން،" ޑރ، ޝަހީމް ވިދާޅުވިއެވެ.

ހުރިހާ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރެވިފައި އޮންނަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށާއި މޫނު ބުރުގާގެ މައްސަލާގައި ވަކި އެއްޗެއް ބުނަން ޖެހޭނީ ފަތުވާ ދޭ މަޖިލީހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތުން ސިވިލް ސާވިސް ކޮމިޝަނުން ވަނީ މަނާކޮށްފައެވެ. މޫނު ބުރުގާ އަޅައިގެން ވަޒީފާއަށް ނުކުތް ބައެއް ޓީޗަރުން ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.