02 Aug 2018, 00:36
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހޯދައިދިނުމަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ރާއްޖޭގެ ގައުމީ ޓީމު ކިބައިން އެދިއްޖެއެވެ.
ރައީސް ޔާމީންގެ ކުޅިވަރު ތަސައްވަރުގައި ހިމެނޭ ސްޕޯޓްސް އެރީނާ މަޝްރޫއުގެ ދަށުން ތަރައްގީ ކޮށްފައިވާ 50 ފުޓްސަލް ދަނޑެއް ރަސްމީކޮށް ހުޅުވުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމު ކިބައިން އެދެނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ތަށި ހިފައިގެން ރާއްޖެ އައުމަށް ކަމަށެވެ. އެކަމަށްޓަކައި ސަރުކާރުން ގައުމީ ޓީމަށް ކޮށްދޭން ޖެހޭ ހުރިހާ ކަމެއް ކޮށްދޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އަންނަ ސެޕްޓެމްބަރު 4-15 އަށް ބަންގްލަދޭޝްގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ގައުމީ ޓީމު ކޭމްޕް ކުރާނީ ގަތަރުގައެވެ. އެ ކޭމްޕަށް އަންނަ ހަފްތާ ތެރޭގައި ޓީމު ގަތަރަށް ފުރާނެއެވެ.
މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ވިދާޅުވީ ރާއްޖެއިން މީގެ ކުރިން ކުޅިވަރުތަކުގައި ބައިވެރިވަނީ ރީތި ކުޅުމެއް ދެއްކުމަށް ކަމަށާއި، އެހެން ނަމަވެސް މިހާރު މުބާރާތްތަކުގައި ބައިވެރިވަނީ "ޓަފް ކޮމްޕެޓިޝަންއެއް" ދިނުމަށް ކަމަށެވެ.
"މީގެ ކުރީގެ އަޅުގަނޑުމެންގެ ޓީމުތައް ބައިވެރިވަނީ އެކްސްޕޯޝާ ހޯދަން. ތަޖުރިބާ ހޯދަން. އެކަމަކު މިހާރު މި ބައިވެރިވަނީ ކީއްކުރަންތޯ؟ އަޅުގަނޑު ހަނދާންވާ ގޮތުގައި މިދިޔަ ފަސް އަހަރު ތެރޭގައި 37 މެޑަލް ހޯދާފައި އެބަވޭ. އޭގެ ތެރޭގައި 10 ގޯލްޑް މެޑަލް ހިމެނޭ. މިއަދު މިދަނީ ޓަފް ކޮމްޕެޓިޝަންއަށް. އެއީ ކޮންމެ ދާއިރާއެއް ކަމަށްވިޔަސް،" ރައީސް ވިދާޅުވިއެވެ.
މިސަރުކާރުގެ ޒައާމަތުގައި މިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ކުޅިވަރަކީ ސީރިއަސް ކަމެއް ގޮތުގައި ނަގައިގެން ކުރިއަށް ގެންދިޔަ މަޝްރޫއުތަކުގެ ދަށުން ރާއްޖޭގެ ކުޅިވަރަށް ބޮޑެތި ކުރިއެރުންތަކެއް އައިސްފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ ގައުމީ ސްކޮޑުތަކަށް ގިނަ ކަންކަން މި ސަރުކާރުން ފަހިކޮށްދީފައިވާ ކަމަށާއި، ކުޅިވަރަކީ ވަކި އާބާދީއަކަށް ވަކި ބަޔަކަށް ކުރިއަށް ދެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ނިމިދިޔަ ވޯލްޑް ކަޕްގައިވެސް އެކަން ވަރަށް ސާފްކޮށް ފެނިގެން ދިޔަ ކަމަށާއި، އެގޮތުން އައިސްލޭންޑާއި ކްރޮއޭޝިއާއިން ދައްކުވައިދިން ހިތްވަރަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުވާލާފައިވެއެވެ.
ރައީސް ވިދާޅުވީ ދިވެހި ގައުމީ ސްކޮޑުތަކަކީވެސް ދުރަށް ހުވަފެންތަކެއް ދެކޭ ބަޔަކަށް ވާން ޖެހޭ ކަމަށާއި، އެހިސާބަށް ދިއުމަށް މަސައްކަތް ފެށުމަށް "ހުވަފެންތައް" ދެކޭ ކަމަށެވެ. އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުން ގަބޫލުކުރާނެ އެއްޗަކީ ތަށި ކަމަށާއި، އުންމީދަކީ ގައުމީ ޓީމުގެ ކެޕްޓަން ތަށި ހިފައިގެން އައިސް ރައީސްގެ އަތްޕުޅަށް ދޭނެ ކަމަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއިން މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައި ވަނީ 2008 ވަނަ އަހަރުގައެވެ. އެންމެފަހުން 2015 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުން ރާއްޖެ ކެޓީ ސެމީ ފައިނަލުން ޗެމްޕިއަން އިންޑިއާ އަތުން ބަލިވެގެންނެވެ.