02 Aug 2018, 09:14
ޝާހިދު ކަޕޫރު އަދި ޝްރައްދާ ކަޕޫރުގެ ކުރިއަށް އޮތް ފިލްމު "ބައްތީ ގުލް މީޓަރު ޗާލޫ"ގެ ޝޫޓިން މުޅިން ނިމިއްޖެއެވެ.
ފެބުރުއަރީ މަހު ޝޫޓިން ފެށި ފިލްމުގެ ޝޫޓިން އެއްކޮށް ނިންމާލީ މުމްބާއީގެ މެހެބޫބު ސްޓޫޑިއޯގައި ނެގި ލަވައެއްގެ މަންޒަރުތަކާ އެކު އެވެ.
ފިލްމުގެ މަންޒަރުތައް ޝޫޓު ކޮށްފައި ވަނީ މުމްބާއީ، ތެހްރީ އަދި އުއްތަރަކަންޑްގައެވެ.
"ބައްތީ ގުލް މީޓަރު ޗާލޫ" އަކީ އިންޑިއާގައި ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.
ފިލްމުގައި ޝާހިދު ފެނިގެންދާނީ ވަކީލެއްގެ ރޯލުންނެވެ. ޝާހިދާއި ޝްރައްދާގެ އިތުރުން ފިލްމުގެ މުހިންމު ރޯލަކުން ބަތަލާ ޔާމީ ގޯތަމް ވެސް ފެނިގެންދާނެއެވެ.
ޓީސީރީޒް އަދި ކޭއާރްއައިއާރްޖޭ ގުޅިގެން ޕްރޮޑިއުސްކުރާ އެ ފިލްމު ޑައިރެކްޓު ކޮށްފައި ވަނީ މިދިޔަ އަހަރުގެ ކާމިޔާބު ފިލްމު "ޓޮއިލެޓް: އެކް ޕްރޭމް ކަތާ"ގެ ޑައިރެކްޓަރު ޝްރީ ނާރާޔަން ސިންގްއެވެ.
ފިލްމު ރިލީޒް ކުރާނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ. މިއީ "ހައިދަރު" އަށް ފަހު ޝާހިދު އާއި ޝްރައްދާ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ.