އިއްޔެ ފެށިގެން ހދ. ކުރިނބީން ކަރަންޓް ކަނޑައިގެން ގޮސް ރަށް އަނދިރީގެ ތެރެއަށް ހިނގައްޖެ އެވެ.
ގާތްގަނޑަށް 600 އަށް ވުރެ ގިނަ މީހުނ އުޅޭ ކުރިނބީ ރަށު ކައުންސިލުގެ ރައީސް މުހައްމަދު އަފުރާހު މިރޭ ވިދާޅުވީ ކުރިނބީން ކަރަންޓު ކަނޑައިގެން ދިޔައީ އިއްޔެ ހަވީރު ކަމަށާއި ކަރަންޓް ކެނޑުނީ އިންޖީނުގޭގައި ހުންނަ ދެ ޖަނަރޭޓަރުގެ ތެރެއިން 48 ކިލޯ ވޯޓްގެ ޖަނަރޭޓަރު ހަލާކުވުމުން ކަމަށެވެ.

ކުރިނބީގައި ހުންނަނީ 48 ކިލޯ ވޮޓްހެ ޖަނަރޭޓަކާއި 28 ކިލޯ ވޮޓްގެ ޖަނަރޭޓަރެކެވެ.

އަފުރާހު ވިދާޅުވީ ރަށުން ކަރަންޓު ގޮސް ދިރިއުޅުން އަނދީރީގެ ތެރެއަށް ދިއުމުން އާންމުންނަށް ބޮޑެތި ދަތިތަކާއި ކުރިމަތިވެފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންގެ މެދުގައި އަރައިރުންތައް ވެސް އުފެދިފައިވާ ކަމަށެވެ.

"މިރޭ ވެސް އެބައުޅޭ މިކަމާ ގުޅިގެން ރަށުގެ މެދަށް ދެ ގޫރޫޕެއް އެއްވެގެން. އެއްބަޔަކު ބުނަނީ ކުރީގެ ސަރުކާރު އޮތް ކަރަންޓެއް ނުކެނޑެއޭ. އަނެއް ބަޔަކު ބުނަނީ މިހާރު މިކަހަލަ ކަންތައް ވެސް މެދުވެރިވާނޭ، އަނދިރީގެ ތެރޭގައި ތިބެގެން އެ ޒުވާބެއް ހިނގަނމުންދަނީ. އެހެންނަމަވެސް އަރައިރުމަށް ވުރެ ބޮޑަށް ކަރަންޓް ނެތުމުން ދިމާވެފައިވާ ދަތިކަމުގެ ތެރޭގައި އެންމެންވެސް ތިބީ،" އަފުރާހު ވިދާޅުވި އެވެ.

ކުރިނބީން ފުރަތަމަ ފަހަރަށް އެއްކޮށް ކަރަންޓް ކަނޑައިގެން ދިޔައީ 16 އަހަރަށް ފަހު އެވެ.

ކަރަންޓްގެ މައްސަލައިގައި ކުރިނބީން ސަންއަށް ގުޅި ފަރާތްތަކުން ބުނީ ރަށުގައި ކަރަންޓް ނެތުމުގެ ސަބަބުން ވަރަށް ގިނަ ބަޔަކު ކުޑަކުދިންނާއެކު ގެއިން ބޭރަށް ނުކުމެ އެބަތިބި ކަމަށާއި ގޭގެ ފުރިޖުތަކުގަ އާއި ވިޔަފާރި ކުރާތަންތަނުގައި ފިނިކޮށްގެން ގެންގުޅޭ ވަރަށް ގިނަ މުދާ ހަލާލުވެފައިވާ ކަމަށެވެ.

އަފުރާހު ވިދާޅުވީ ޖަނަރޭޓަރު ހަލާކުވެ ކަރަންޓް ކަނޑައިގެން ދިއުމުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި ގެއްލުން ކައުންސިލަށް އެނގޭ ކަމަށާއި ކަރަންޓުގެ މައްސަލަ ހައްލ ކުރުމަށް އަތޮޅު ކައުންސިލަށާއި ލޯކަލް ގަވަރުމަންޓް އޮތޯރިޓީއަށް ވެސް އަންގާފައިވާނެ ކަމަށެވެ.

"އަނެއްކޮޅުން އިންޖީނުގެ ޔުޓިލިޓީއާ ހަވާލު ކުރުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް އެކުންފުނިން ވަނީ އެކަމަށް އިޖާބަ ނުދީ،" އަފުރާހު ވިދާޅުވި އެވެ. "މި ހާލަތުގައި އެންގި ފަރާތްތަކުން ވެސް އަދި ސަމާލުކަން ދީފައެއް ނުވޭ،"