އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑު ވާހަކަ އަކީ ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެން ދެކެވެމުން އަންނަ ވާހަކަ އެކެވެ. ނަމަވެސް މީޑިއާއާ ހަމައަށް މި ވާހަކަ ތިލަވަނީ މަދު ފަހަރަކު އެވެ. މިއީ މި ފަހުން މީޑިއާއަށް މި ވާހަކަ ތިލަވާ ފުރަތަމަ ފަހަރަށް ވެސް ވެދާނެއެވެ.

އެކަމަކު މިއީ އެއްގޮތަކަށް ވެސް، އެތެރޭގެ އުދުހުންތަކުގެ އަގު ބޮޑޭ ކިޔައިގެން ޝަކުވާ ކުރަން ކުރި ކަމެއް ނޫނެވެ. ބޭނުމަކީ އާންމުންނަށް ހަގީގަތް އޮޅުން ފިލުވާލަދިނުމެވެ.

މި ރިޕޯޓުގައި ބޮޑަށް ބަލައިލާނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ އަގުތަކަށެވެ. ފުރަތަމަ ކަމަކީ މޯލްޑިވިއަންގެ ޓިކެޓު ވިއްކަނީ ކޮން ރޭންޖެއްގައިކަން ސާފު ކޮށްލުމެވެ.

ރިޓާން ޓިކެޓް ނުވަތަ ދެކޮޅު ޓިކެޓް މޯލްޑިވިއަނުން ދިވެހިންނަށް ވިއްކާނީ އެންމެ އަގު ބޮޑު ވެގެން 230 ޑޮލަރު ނުވަތަ 3،500ރ. އަށެވެ. އެއަށް ވުރެ އަގު ބޮޑެއް ނުވާނެއެވެ.

އެއީ މޯލްޑިވިއަންގެ ޓިކެޓް އަގު ކުރުމުގައި ގެންގުޅޭ މިންގަނޑުން ޓިކެޓް އެންމެ އަގު ބޮޑު ކުރާ ވަރެވެ. އެ މިންގަނޑުން ޓިކެޓުގެ އަގުތައް ކަނޑައަޅާފައި ހުންނަނީ މިސާލަކަށް މާލެއާއި ގަމާ ދެމެދު ކުރާ ދަތުރުތަކުގެ، ދެ ކޮޅު ޓިކެޓް 116 ޑޮލަރު ނުވަތަ 1،788ރ. އިން ފެށިގެން ގޮސް މަތީގައި ބުނެފައިވާ 230 ޑޮލަރާ ދެމެދުގެ އަގުތަކެއްގައެވެ.

އެއް ކޮޅު ޓިކެޓެއް ނަގާނަމަ އެ އަގުތައް އުޅޭނީ 58 ޑޮލަރު ނުވަތަ 894ރ. އިން ފެށިގެން 115 ޑޮލަރު ނުވަތަ 1،773ރ. އާ ދެމެދުގެ އަގުތަކެއްގައެވެ.

އާންމުކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ތެރެއިން އެންމެ އަގު ބޮޑީ މާލެއާއި ގަމާ ދޭތެރޭގައި ކުރާ ދަތުރުތަކެވެ. ސަބަބަކީ؛ އެތެރޭގެ އުދުހުންތަކުގައި އެންމެ ދިގު ދަތުރަކީ އެ ދަތުރަށް ވުމެވެ.

"މިއީ އާންމުކޮށް އަޅުގަނޑުމެން ވިއްކާ އަގުތައް. ސްޕެޝަލް ފެއާތަކުގަ މިއަށްވުރެ އަގުހޮޔޮކޮށް ވެސް އަޅުގަނޑުމެން ވިއްކަން،" މޯލްޑިވިއަންގެ ހެޑް އޮފް ކޮމާސް އައިމިނަތު ސަމީހާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގެ އަގުތައް ގެންގުޅެނީ ކޮމާޝަލީ ފީޒިބަލް ނުވަތަ ކުންފުނި ދެމެހެއްޓިނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އެންމެ ކުޑަ އަގުގައި ކަމަށެވެ.

"ނެޝަނަލް ކެރިއާ އަކަށްވެ އޮވެ އަޅުގަނޑުމެނެއް އަދި އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެ އޮޕަރޭޝަންތައް ހުއްޓޭކަށް. ކުންފުނި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވޭނެ އެންމެ ކުޑަ އަގުތައް އަޅުގަނޑުމެން ގެންގުޅެނީ،" އޭނާ ވިދާޅުވި އެވެ.

ޓިކެޓުގެ އަގު ބޮޑުކަމަށް ދިވެހިން ޝަކުވާ ކުރަނީ ފަހަރުގައި ފަހުވަގުތުން ޓިކެޓް ނަގަން އުޅޭތީ ކަމަށް ވެދާނެ ކަމަށް ސަމީހާ ވިދާޅުވި އެވެ.

"ކުރިން ޓިކެޓް ނަގާނަމަ ލިބޭނެ އަގުހެޔޮކޮށް. މިސާލަކަށް މާދަމާ ދާން މިއަދު ޓިކެޓް ނަގަންޏާ މޯލްޑިވިއަން ވެސް އަދި އެހެން އެއާލައިން ތަކުން ވެސް ޓިކެޓް އަގުބޮޑުވާނެ. އެއީ ބޭރު ގައުމުތަކުގައި ވެސް އެކަން ހިނގާ ގޮތް،" ސަމީހާ ވިދާޅުވި އެވެ.

ދެން އޮތީ މިހާރު ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ދައްކާ ވާހަކަ އެކެވެ. ރާއްޖޭގެ އެތެރޭގެ އުދުހުންތަކަށް ވުރެ އަވައްޓެރި ލަންކާ ޓިކެޓު ވެސް އަގު ހެޔޮ ވާހަކައެވެ.

އެ ވާހަކަތައް މޯލްޑިވިއަންގެ ފަރާތުން ސަމީހާ ދޮގުކުރެއްވިއެވެ. އޭނާ ވިދާޅުވީ އާންމުކޮށް ލަންކާ ޓިކެޓް މިހާރު ފެށޭ އަގުތައް މޯލްޑިވިއަންގެ އެންމެ އަގު ބޮޑު ޓިކެޓް ކަމަށްވާ 230 ޑޮލަރަށް ވުރެ މަތިވާނެ ކަމަށެވެ.

"އާންމުކޮށް އަޅުގަނޑުމެންގެ އެންމެ އަގުބޮޑު ޓިކެޓަށް ވުރެ ލަންކާ ޓިކެޓުގެ ފެށޭ އަގު ވެސް ބޮޑުވާނެ. ބައެއް ފަހަރު ދަށްވެދާނެ އެކަމަކު އާންމުކޮށް އުޅޭނީ ހަމަ ބޮޑުކޮށް،" ސަމީހާ ކިޔައިދެއްވިއެވެ.

މިސާލަކަށް ބަލާނަމަ ރާއްޖޭން ކޮލަމްބޯއަށް ކުރިއަށް އޮތް ދެ ފަހްތާގެ ޓިކެޓުތައް ބޮޑެތި އެއާލައިންތަކުން މިހާރު ވިއްކަމުން އަންނަނީ 300-500 ޑޮލަރާ ދެމެދުގެ ރޭޓުތަކެއްގައެވެ. އަދި އީދު ބަންދާ ދިމާކޮށް އެ އަގު އުޅެނީ 380 ޑޮލަރުން މަތީގައެވެ.

"ކުރިން ބުކިން ހައްދައިގެން ޓިކެޓް ނެގި ބޭފުޅުންނަށް އެއަށް ވުރެ އަގުހެޔޮކޮށް ލިބިދާނެ. އެކަމު މިހާރު ޓިކެޓް ނަންގަވަން އުޅުއްވަންޏާ ލިބޭނީ އެ އަގުތަކުގައި،" ސަމީހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މަތިން ދަތުރުކުރާއިރު އެންމެ ރަނގަޅު ގޮތަކީ ކުރިއާލާ ދަތުރު ރާވާލައިގެން ޓިކެޓް ނެގުން ކަމަށެވެ.