01 Aug 2018, 17:56
އިންޑިއާގެ ބިހާރުގައި ހުންނަ ކުޑަކުދިން ބަލަހައްޓަ ތަނެއްގައި ދިރިއުޅުނު 34 ކުއްޖަރު ރޭޕްކޮށްފިއެވެ.
މަގުމަތީ ދިރިއުޅޭ އަންހެންކުދިންނާއި އާއިލާއަށް ފިލައިގެން އުޅޭ ކުދިން ބަލަހައްޓާ މި ހިޔާގައި 44 ކުދިން ދިރިއުޅެއެވެ. އެންމެ އުމުރުން ދޮށީ ކުއްޖަކަށް އުޅެނީ 18 އަހަރުގެ ކުއްޖެކެވެ. ރޭޕްކުރި ކުދިންގެ ތެރޭގައި ހަތް އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.
މި ހާދިސާ އާ ގުޅިގެން މިހާތަނަސް 10 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. މީގެ ތެރޭގައި މި ތަން ހިންގުމުގައި އިސްކޮށް އުޅޭ ބްރާޖޭޝް ޓާކޫރު ވެސް ހިމެނެއެވެ. ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ފިލާފައިވާކަމަށްވެސް ހަބަރުތައް ބުނެއެވެ.
ބިހާރުގައި ކުދިން ބަލަހައްޓާ ތަނެއްގައި ދިރިއުޅޭ ކުދިންތަކެއް ރޭޕް ކުރުމާއެކު އެ ސަރަހައްދުގައި ކުޑަކުދިންގެ ކަންތައް ބަލަހައްޓަ މީހުންނަށް އާންމުން ވަނީ ފާޑުކިޔަން ފަށައިފައެވެ.
އެކުދިން ރޭޕް ކޮށްފައިވަނީ ސީދާ ކޮން އިރަކު ކަމެއް ނޭނގެއެވެ. ނަމަވެސް އެތަނުން ހަތް އަހަރުގެ ކުއްޖާ ބުނީ އެތަނުގެ ބޮޑުމީހާ ކޮންމެ ދުވަހަކުވެސް އެކުދިންނަށް އަނިޔާ ކުރާ ކަމަށެވެ. އެތަނުގައި އުޅޭ 10 އަހަރުގެ ކުއްޖަކު ބުނެފައިވަނީ ކޮންމެ ދުވަހަކު ހޭލާއިރު އެއްވެސް އަންނައުނެއް ގައިގައި ނޯންނަ ކަމަށެވެ. އެހެން ކުއްޖަކު ބުނެފައިވަނީ ބަރަހަނާކޮށް ޓެރަސް އަށް އަރުވައި އަނިޔާ ކުރާ ކަމަށެވެ.
ރޭޕް ކުރަން އުޅޭއިރު ގަދަ ހަދާކުދިންނަށް އަނިޔާކޮށް ބަނޑަށް ބައިތިއްބާ ކަމަށް އެކުދިން ވަނީ ބުނެފައެވެ.
އިންޑިއާގެ ގާނޫނުތައް ބުނާގޮތުން 12 އަހަރުން ދަށުގެ ކުއްޖަކު ރޭޕްކުރި ކަން ސާބިތުވާނަމަ މަރުގެ އަދަބު ދެވޭނެއެވެ. ހިޔާގައި ތިބި ކުދިން ހޮސްޕިޓަލަށް ގެންގޮސް ޓެސްޓު ހެދުމުން އެކުދިންނަށް ޖިންސީ އަނިޔާ ލިބިފައިވާކަން ޓެސްޓުތަކުން ވަނީ ދައްކައިފައެވެ.
އެގައުމުގެ ނޭޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2016 ވަނަ އަހަރު ރޭޕުގެ 38،947 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި ކުޑަކުދިންގެ ހައްގުގައި މަސައްކަތް ކުރާ ޖަމްއިއްޔާ އަކުން ބުނެފައިވާ ގޮތުގައި އެގައުމުގައި ކުޑަކުދިންނަށް އަނިޔާ ކުރާ މިންވަރު ވަނީ 500 ޕަސެންޓު އިތުރުވެފައެވެ.