މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ޓޫރިޒަމުން ރާއްޖެ އަށް 993.5 މިލިޔަން ޑޮލަރު (15.3 ބިލިޔަން ރުފިޔާ) ލިބިފައިވާ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ލަފާކޮށްފި އެވެ.

އެމްއެމްއޭ އިން މިއަދު ނެރުނު ކުއާޓާލީ އިކޮނޮމިކް ބްލެޓިންގައި ބުނެފައިވަނީ، މާޗް މަހު ނިމުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖެ އަށް ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ފާހަގަކޮށްލެވޭ ވަރަށް އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ފުރަތަމަ ކުއާޓަރުގައި ރާއްޖެ އަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ހޭދަކުރި ރޭގެ އަދަދު 18 ޕަސެންޓް އިތުރުވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައި ވެއެވެ.

މަރުކަޒީ ބޭންކުން ބުނީ ފަތުރުވެރިން ޒިޔާރަތްކުރި މިންވަރު ރަނގަޅުވުމުން، އެ ދާއިރާ އިން ފުރަތަމަ ކުއާޓަރުގައި ލިބުނު އާމްދަނީ ވެސް މިދިޔަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހާއި އަޅާ ބަލާއިރި މި އަހަރު 20 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

މިދިޔަ އަހަރާ އަޅާ ބަލާއިރު ފަތުރުވެރިކަމުގެ ދާއިރާގެ ކެޕޭސިޓީ އިތުރުވެގެން ދިޔަ ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އޮކިއުޕެންސީ ހުރީ 75 ޕަސެންޓުގަ އެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު އުޅުނީ 70 ޕަސެންޓުގަ އެވެ.

އެމްއެމްއޭ އިން ބުނީ އޮކިއުޕެންސީ އިތުރުވެ، ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި މައިގަނޑު ސަބަބަކީ، އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އަށް ޒިޔާރަތްކުރާ ގައުމުތަކުގެ އިގްތިސާދީ ހާލަތު ރަނގަޅުވުމާއި، ރާއްޖެއާ އެހެން ގައުމުތަކާއި ދެމެދު ފްލައިޓް ދަތުރުތައް އިތުރުވެގެން ދިޔުމެވެ.

މަރުކަޒީ ބޭންކުން ލަފާކޮށްފައިވާ ގޮތުގައި، މި އަހަރުގެ ތެރޭގައި ބޭރު ގައުމުތަކުން އިތުރު ފްލައިޓް ދަތުރުތަށް ފެށި، ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމަކޮށް އާ ފްލައިތް ރާއްޖެ އަށް އުދުހެން ފަށަން ހަމަޖެހިފައިވާތީ ފަތުރުވެރިން އަންނަ ވަރު އިތުރުވެގެން ދާނެ އެވެ. އަދި ފަތުރުވެރިން ރާއްޖޭގައި މަޑުކުރާ މުއްދަތު އިތުރުވާނެ ކަމަސް ވެސް އެމްއެމްއޭ އިން ލަފާކުރެ އެވެ.

ނަމަވެސް، ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ މާކެޓް ކަމުގައިވާ ޔޫރޯ ސަރަހައްދާއި އިނގިރޭސި ވިލާތުގެ އިގްތިސާދު މަޑުޖެހިދާނެ ކަމަށް މިހާރު ލަފާކުރެވޭތީ، އެ މާކެޓްތަކުން ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ މިންވަރު މަޑުޖެހުން އެކަށީގެންވާ ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

ރާއްޖޭގެ އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ އިތުރުވި މިންވަރު އަހަރުން އަހަރަށް ބަލާއިރު، މިދިޔަ އަހަރު ފަސް ޕަސެންޓް ގައި ހުރި ނަމަވެސް، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެ އަދަދު ވަނީ އަށް ޕަސެންޓަށް އިތުރުވެފަ އެވެ.

އެމްއެމްއޭ އިން ބުނީ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ އިތުރުވި މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމުގައި ޑިމާންޑް ޑިޕޮސިޓް އިތުރުވެގެން ދިއުމެވެ.