ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީން ކަމުގެ މަގާމަށް އާސިމް އަބްދުއް ސައްތާރު އައްޔަނުކުރައްވައިފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު ހެނދުނު އެކަމަށް ބޭއްވި ރަސްމިއްޔާތުގައި އާސިމް އަށް ޑީންކަމުގެ މަގާމުގެ ލިޔުން ވަނީ ހަވާލުކޮށްފައެވެ. އެ ލިޔުން އާސިމްއާ ހަވާލުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޑރ. އަލީ ފަވާޒް ޝަރީފްއެވެ.

ފެެކަލްޓީ އޮފް އާރޓްސްގެ ޑީން ކަމުގެ މަގާމަށް އައްޔަނު ކުރެއްވި އާސިމް އަބްދުއްސައްތާރު ދަނީ 2005 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ވަޒީފާ އަދާކުރައްވާފައެވެ.

ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާޓްސްގެ ޑީންގެ މަގާމަށް އައްޔަނުކުރި އާސިމް އަބްދުއް ސައްތާރު ވާޙަކަ ދައްކަވަނީ: ފޮޓޯ: އެމްއެންޔޫ

އަދި 2008 ވަނަ އަހަރުން ފެށިގެން ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ޑީންގެ މަގާމާއި ހަވާލުވެ ކާމިޔާބުކަމާއިއެކު ހަތަރު އަހަރުގެ ދައުރެއް އާސިމް ވަނީ ފުރިހަމަ ކުރައްވާފައެވެ.

އޭނާ ވަނީ އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްކަން ވެސް ކުރައްވާފައެވެ.

އާސިމް ވަނީ އޮސްޓްރޭލިޔާގެ ޔުނިވާސިޓީގެ އެޑިތު ކޮވަން ޔުނިވާސިޓީން އެޑިއުކޭޝަން އިން މާސްޓާސްވެސް ހާސިލްކުރައްވައިފައެވެ.

އާސިމް ދަނީ މިހާރުވެސް ޔުނިވާސިޓީ ކައުންސިލްގެ މެމްބަރުކަމާއި އަދި އެކެޑަމިކް ސެނެޓްގެ މެމްބަރުކަންވެސް ކުރައްވަމުންނެވެ.