01 Aug 2018, 16:01
މަލަހިނި ކުޑަ ބަނޑޮސް ރިސޯޓުގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ރިސޯޓުގައި ބާއްވާ "ސޭންޑީ މިޝަން"ގެ މި އަހަރުގެ ދުވުމުގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.
މިދިޔަ އަހަރުން ފެށިގެން އާންމުންނަށް ބައިވެރިވެވޭ ގޮތަށް އެ ރިސޯޓުގައި ބައްވާ ދުވުމުން ލިބޭ ފައިސާ، ހަދިޔާ ކުރަނީ އެހީތެރިކަމަށް ބޭނުންވެފައިވާ ޖަމިއްޔާ އަކަށެވެ.
އެގޮތުން މި އަހަރުގެ ދުވުމުން ލިބޭ ފައިސާ ހަދިޔާ ކުރާނީ ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށެވެ. މިދިޔަ އަހަރުގެ ދުވުމުން ލިބުނު ފައިސާ ހަދިޔާ ކުރީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވައްޗަށެވެ.

މަލަހިނި ރިސޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެލައިޑް
ސޭންޑީ މިޝަންގެ ގޯލްޑް ޕާޓްނަރަކަށް އެލައިޑް ކަނޑައެޅީ މިއަދު މަލަހިނި ރިސޯޓުގެ އަތިރިމަތީގައި ބޭއްވި ހިތްގައިމު ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި އެލައިޑުގެ މާކެޓިން މެނޭޖަރު ނިއުޝާދު ޝަރީފު ވިދާޅުވީ، މި ދުވުމުގައި އެލައިޑުގެ މުވައްޒަފުން އަމަލީ ގޮތުން ބައިވެރިވާނެ ކަމަށެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރުގެ ދުވުމަށް ގިނަ ބައެއްގެ ތަރުހީބު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ނިއުޝާދު ވިދާޅުވީ އެލައިޑުން ވެސް މި އިވެންޓުގައި ބައިވެރިވަނީ ސީއެސްއާރު ހަރަކާތެއްގެ ގޮތުގައި ކަމަށެވެ. އަދި މިއީ އެ ކުންފުނިން ސޭންޑީ މިޝަން ސްޕޮންސާކުރި ދެ ވަނަ އަހަރު ކަން ވެސް އޭނާ ފާހަގަ ކުރި އެވެ.