01 Aug 2018, 16:47
އަލީ އައްބާސް ޒަފަރު ޑައިރެކްޓްކޮށް، ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާރަތު"ގެ ޝޫޓިން ފެށިގެން ކުރިޔަށް ދަނިކޮށް، ފިލްމުގެ ލީޑުން ފެނިގެން ދާނެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެ ފިލްމު ދޫކޮށްލައި ހޮލީވުޑްގެ ފިލްމެއް ކުޅެން ތައްޔާރުވެއްޖެއެވެ.
އަންނަ އަހަރުގެ ޖޫން 28ގައި ރިލީޒް ކުރަން ހަމަޖެހިފައިވާ "ކައުބޯއީ ނިންޖާ ވައިކިން" އިން ޕްރިޔަންކާއަށް ފުރުސަތު ލިބިފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެ ފިލްމަކީ ކުރިން ހަމަ އެނަމުގައި ގެނެސްދީފައިވާ ވާހަކަ ސިލްސިލާއަކަށް ތައްޔާރުކުރާ ފިލްމެކެވެ.
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ކްރިސް ޕްރެޓާއާ އެކު މިފަހަރު ޕްރިޔަންކާ ފެނިގެންދާނީ، ކްރިސްއަށް ފަރުވާކުރާ ސައިކޮލޮޖިސްޓުގެ ރޯލުންނެވެ.

ޕްރިޔަންކާ: ކައު ބޯއީ ނިންޖާ ވިކިން ގެ ބަތަލާ އަކުން...
"ކައުބޯއީ ނިންޖާ ވައިކިން" ޑައިރެކްޓުކުރަނީ އެޗްބީއޯގެ މަގުބޫލު ސީރީޒް "ގޭމް އޮފް ތްރޯންސް" ޑައިރެކްޓުކޮށްފައިވާ މިޝޭލް މެކްލޭރެން އެވެ. ބޮޑު ބަޖެޓަކުން ހަދާ އެ ފިލްމުން ޕްރިޔަންކާއީ ކްރިސް ދެ ލޯބިވެރިންގެ ގޮތުގައި ފެނިގެންދާނެ އިރު ވިލަންގެ ރޯލުން ވެސް ތަރިއެއް ފެނިގެންދާނެއެވެ.
ޕްރިޔަންކާ އެ ފިލްމު ކުޅެން އެއްބަސް ވީ އިރު އޭނާ ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ނިކް ޖޯނަސްއާ އެންގޭޖްވެފައެވެ. އެދެމީހުންގެ އެންގޭޖްމެންޓާއެކު ޕްރިޔަންކާ ވަނީ، ގިނަ އަހަރުތަކަކަށްފަހު ކުޅެން އެއްބަސްވި ބޮލީވުޑްގެ ފިލްމު "ބާރަތު" ޝޫޓިން ފެށުމަށްފަހު އެ ފިލްމުގެކާސްޓުން ބޭރުވެފައެވެ. އެ ފިލްމު ޕްރިޔަންކާ ދޫކޮށްލުމުން ވަނީ ޕްރޮޑިއުސަރު ގެ ފާޑުކިޔުން އޭނާއަށް އަމާޒުވެފައެވެ.

ކްރިސް: ކައު ބޯއީ ނިންޖާ ވިކިން ގެ ބަތަލް އަކުން...
ޕްރިޔަންކާ މީގެ ކުރިން ވަނީ ހޮލީވުޑް ތިން ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އެއީ "ބޭވޮޗް" އާއި "އަ ކިޑް ލައިކް ޖޭކް" އަދި "އިސިންޓް އިޓް ރޮމޭންޓިކް" އެވެ.
ބޮލީވުޑްގެ ފިލްމު ދޫކޮށްލައި އެ ވާހަކަ ހޫނު ވެފައިވާ ދަނޑިވަޅެއްގައި ހޮލީވުޑް ފިލްމެއް ކުޅެން ޕްރިޔަންކާ އެެއްބަސް ވުމުން އުފެދޭ ސުވާލަކީ ބޮލީވުޑަށް ވުރެ ހޮލީވުޑް ފިލްމުތަކުގައި އެކްޓް ކުރަން އޭނާ އަށް މާ ކަމުދަނީ ބާވައެވެ؟