ފްރާންސް އަދި އާސެނަލްގެ ލެޖެންޑް ތިއެރީ އޮންރީ، މިސްރުގެ ގައުމީ ޓީމުގެ ކޯޗުކަމަ ހަވާލުވުމަށް ތައްޔާރުވެއްޖެ އެވެ.

މިސްރުގެ ކުރީގެ ކުޅުންތެރިންޔާ އަދި އެޖެންޓް ނަދާރު އަލް ސައީދު ބުނެފައި ވަނީ މިސްރުގެ ފުޓުބޯޅަ އިދާރާއިން އޮންރީއަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައިވާ ކަމަށެވެ.

ގިނަ އަހަރުތަކަކަށް ފަހު މިއަހަރުގެ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެފައިވާ އިރު، އެޓީމުން ގްރޫޕް ސްޓޭޖުން ކަޓައިގެން ނިންމާލީ މޮޅެއް ނުލިބި އެވެ. އަދި ރަޝިއާގައި ނިމިދިޔަ ވޯލްޑް ކަޕްގައި އޮންރީ ފެނުނީ ބެލްޖިއަމްގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގަ އެވެ.

ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒްގެ އެސިސްޓެންޓް ކޯޗުކަމުގައި މަސައްކަތްކޮށް، އޮންރީ ވަނީ ބެލްޖިއަމް ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ތިންވަނަ ހޯދުމުގައި މުހިއްމު ރޯލެއް އަދާކޮށްދީފަ އެވެ.

ކޯޗިންއަށް ވަގުތު ހުސްކުރުމުގެ ގޮތުން އޮންރީ ކުރިން އަދާކުރަމުންއައި ޓީވީ އެނަލިސްޓްގެ ވަޒީފާ އޭނާ ދޫކޮށްލައިފައިވާ އިރު، އޮންރީ މީގެ ކުރިން ޓީމެއްގެ ހެޑް ކޯޗުކަން ކޮށްފައެއް ނުވެ އެވެ.

މިސްރުގެ އެޖެންޓް ނަދާރު އަލް ސައީދު ބުނެފައި ވަނީ މިސްރުގެ އެފްއޭއާއި އޮންރީއާ ދެމެދު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި މިހާރު އޮންރީ މަޑުކުރަމުންދަނީ މިސްރުގެ އެފްއޭ އިން ކުރިއަށް ކަނޑައަޅާފައިވާ މަސައްކަތްތަކާއި ފައިނޭޝިއަލް ކަންކަން ހިއްސާކުރަންދެން ކަމަށެވެ.

މިސްރު ގޮވައިގެން ވޯލްޑް ކަޕަށް ދިޔަ ކޯޗު، ހެކްޓާ ކޫޕާ ވޯލްޑް ކަޕަށް ފަހު މަގާމުން ވަކިކޮށްފައިވާ އިރު، އޮންރީ އަކީ އޭނާ ނެތްތައް ފޫބެއްދުމަށް އެންމެ ވަރުގައަށް ވާދަކުރާ ކޯޗެވެ. އޮންރީގެ އިތުރުން މެކްސިކޯގެ ކޯޗު ހާވިއާ އަގުއޭރީއަކީ ވެސް އެ މަގާމަށް ނޮމިނޭޓް ކޮށްފައިވާ ކޯޗެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފްރާންސާ އެކު 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް އުފުލާލި އޮންރީ ވަނީ ކެރިއަރުގައި 700 އަށް ވުރެ ގިނަ މެޗު ކުޅެ 360 ގޯލް ޖަހައިފަ އެވެ.