ރާއްޖޭގެ ސްކޫލުތައް ޑިޖިޓަލައިޒް ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ފަށާފައިވާ ޕްލޭންގެ ދަށުން، ކަލާފާނު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަން ފަށައިފި އެވެ.

ކަލާފާނު ސްކޫލުގެ ޕްރިންސިޕަލް ރަހްމާ އަބްދުއްރަހްމާން ސަން އަށް ވިދާޅުވީ، ޓެބްލެޓް ބޭނުން ކުރަން މިއަދު އެ ސްކޫލުގައި ފަށައިފައިވާ ކަމަށެވެ.

"ގްރޭޑް ދިހައެއްގެ ކްލާސްތަކުގެ ދަރިވަރުން އަދި މި ބޭނުން ކުރަން ފެށީ. މިއަދު އެ ކުދިން ހުރިހާ ކްލާސްތަކެއްގައި ޓެބްލެޓް ބޭނުންކުރި. ދެން ކުދިން ޓެބްލެޓްތައް ބޭނުންކުރަން ފެށުމުގެ ކުރިން ހޭނެން ވެސް ޖެހޭނެ ތެދެއްތޯ. މަޑުމަޑުން ދެން އެހެނިހެން ގްރޭޑްތަކުގެ ދަރިވަރުންނަށް ވެސް ޓެބްލެޓްތައް ހަވާލުކުރަން ފަށާނެ." ރަހްމާ ވިދާޅުވި އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ޓެބްލެޓްތައް ހަވާލުކޮށްފައިވާ ކަމަށާއި އަދި މިހާރު ކުރިއަށް ދަނީ ދަރިވަރުންނަށާއި ބެލެނިވެރިން ޓެބްލެޓަށް ހޭލުންތެރި ކުރުމުގެ ގޮތުންް އޮރިއެންޓޭޝަން ޕްރޮގްރާމްތައް ކަމަށެވެ.

ކަލާފާނު ސްކޫލުގެ ދަރިވަރުން ޓެބްލެޓް ބޭނުންކުރަނީ-- ފޮޓޯ: ކަލާފާނު ސްކޫލު

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކުގެ ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފެށީ މިދިޔަ މަހު ފަހުކޮޅު އެވެ. ދަރިވަރުންނަށް ޓެބްލެޓްތައް ހަވާލުކުރަން ފެށުމުގެ ކުރިން ޓީޗަރުންނަށް ޓެބްލެޓްތައް ވަނީ ބަހައި ނިންމައިފަ އެވެ.

ޓީޗަރުންނަށާއި ދަރިވަރުންނަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ދީފައި ވަނީ ވާވޭ ޓެބްލެޓެކެވެ.

ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް 71000 ޓެބްލެޓު ހޯދަން ސަރުކާރުން ހަވާލުކުރީ މެކްސްކޮމްއާ އެވެ. އެ މަޝްރޫއަށް ސަރުކާރުގެ މި އަހަރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.