17 Sep 2011, 16:29
ނ. އަތޮޅުގައި ހިންގި ހާއްސަ އޮޕަރޭޝަންތަކެއްގައި މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ އެއްޗެހިތަކަކާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
މަނަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުވެ ހުންނެވި އަހުމަދު އާތިފް މިއަދު ވިދާޅުވީ އެ އޮޕަރޭޝަންތަކުގައި މި މަހުގެ އަށްވަނަ ދުވަހު މާޅެންދޫން އެރަށު އެމޯރާ، އަލީ ސާހިރުއާއި ހަވޭލި، އަޒުނީފް މުހައްމަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އާތިފު ވިދާޅުވީ އޭގެ ފަހުން މި މަހުގެ 15 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ވެސް މަސްތުވާތަކެތި ކަމަށްބެލެވޭ އެއްޗެހިތަކެއް ހުރި ހަތަރު ކަރުދާސްކޮޅާއެކު މާޅެންދޫއިން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި ފަހުން ހައްޔަރު ކުރި ދެ މީހުންނަކީ މާފަރު ނޫރީގެ، މުހައްމަދު އިބުރާހިމާއި ސ. ހިތަދޫ، ރެޑްގޭ، އަންވަރު އިބުރާހިމްކަމަށެވެ.
ހައްޔަރު ކުރި ހަތަރު މީހުންނާއި އެމީހުން އަތުން ފެނުނު ތަކެތީގެ ތަފުސީލެއް ފުލުހުން ނުދެ އެވެ. ހަމައެކަނި ބުނީ މި މައްސަލަތައް އިތުރަށް ތަހުގީގު ކުރަން ފަށާފައިވާ ކަމަށެވެ.