01 Aug 2018, 13:07
މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އަށް މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 5.7 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ އެވެ.
ބޮޑެތި ގެއްލުންތަކާ ކުރިމަތިވެ، 2009 ވަނަ އަހަރުގެ ފަހުން ހިއްސާ ދާރުންނަށް އެއްވެސް ފައިދާއެއް ބަހާފައި ނުވާ ކުންފުނީގެ ދެ ވަނަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ މި އަހަރުގެ ދެ ވަނަ ތިން މަސް ދުވަހު، އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 17 މިލިޔަން ރުފިޔާ ލިބުނު ކަމަށެވެ.
ފަތުރުވެރިކަމުގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށް ސަރުކާރުން އުފެއްދި ކުންފުންޏަށް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު ވެސް ލިބުނީ 17 މިލިޔަން ރުފިޔާގެ އާމްދަނީއެކެވެ. އަދި ފުރަތަމަ ކުއާޓަރުގައި ވެސް 5.2 މިލިޔަން ރުފިޔާގެ ކުޑަ ފައިދާއެއް އެ ކުންފުންޏަށް ލިބުނެވެ.
ޖޫން މަހު ނިމުނު ދެ ވަނަ ކުއާޓަރުގެ ހިންގުމަށް އެ ކުންފުނިން ހަރަދު ކޮށްފައި ވަނީ 3.1 މިލިޔަން ރުފިޔާ އެވެ. އެއީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހިންގުމަށް ހަރަދުކުރި 3.6 މިލިޔަން ރުފިޔާ އަށް ވުރެ 500،000 ވަރަކަށް ރުފިޔާ ދަށް އަދަދެކެވެ.
ހިންގުމުގެ ހަރަދުގެ އިތުރުން އެހެނިހެން ހަރަދުތަކަށް ކެނޑުމަށް ފަހު، ޓެކްސް ދެއްކުމުގެ ކުރިން އެމްޓީޑީސީ އަށް ދެ ވަނަ ކުއާޓަރުގައި 6.7 މިލިޔަން ރުފިޔާ ލިބުނެވެ. ސާފު ފައިދާ 5.7 މިލިޔަނަށް ވެއްޓުނީ ޓެކުހަށް ގާތްގަނޑަކަށް އެއް މިލިޔަން ރުފިޔާ ކެނޑުމުންނެވެ.