01 Aug 2018, 12:55
ހަރާރީ (އޮގަސްޓު 1): ޒިމްބާބުވޭގެ ވެރިކަން ކުރާ ޒަނޫ-ޕީއެފް ޕާޓީން އެގައުމުގެ މަޖިލިސް އިންތިހާބު ކާމިޔާބުކޮށްފި އެވެ.
ޒިމްބާބުވޭގެ އިލެކްޓޯރަލް ކޮމިޝަނުން ބުނި ގޮތުގައި ޒަނޫ-ޕީއެފް ޕާޓީއަށް 109 ގޮނޑި ލިބިފައިވާ އިރު އިދިކޮޅު މޫވްމެންޓު ފޯ ޑިމޮކްރެޓިކް ޗޭންޖް (އެމްޑީސީ)އަށް ލިބިފައި ވަނީ 41 ގޮނޑި އެވެ.
ނަމަވެސް އެމްޑީސީން ވަނީ އިލެކްޝަން ކޮމިޝަނުން އިންތިހާބުގެ ނަތިޖާ އިއުލާން ކުރުން ލަސްކުރި ކަމަށާއި ނަތީޖާ އޮޅުވާލަން މަސައްކަތް ކުރާ ކަމުގެ ތުހުމަތުކޮށްފަ އެވެ. އަދި އެ މައްސަލަ ކޯޓަށް ހުށަހަޅާނެ ކަމަށާއި މުޒާހަރާ ކުރާނެ ކަމަށް ވެސް ބުނެފަ އެވެ.
މިދިޔަ ހޯމަ ދުވަހު ޒިމްބާބުވޭގައި ބޭއްވި މަޖިލިސް އަދި ރިޔާސީ އިންތިހާބަކީ އެގައުމުގައި 37 އަހަރުވަންދެން ވެރިކަން ކުރެއްވި ރޮބަޓް މުގާބޭ ރައީސްކަމުން ދުރު ކުރި ފަހުން ބޭއްވި ފުރަތަމަ އިންތިހާބެވެ.
ޒިމްބާބުވޭގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާން ކުރާނީ ވޯޓުލީތާ ފަސް ދުވަސް ފަހުންނެވެ. އަދި އެއްވެސް ކެނޑިޑޭޓަކަށް 50 ޕަސެންޓު ވޯޓު ނުލިބޭ ނަމަ، ރިޔާސީ އިންތިހާބުގެ ދެވަނަ ދައުރަކަށް ދާނެ އެވެ.
އެއިންތިހާބުގައި އެންމެ ގިނަ ވޯޓު ކާމިޔާބު ކުރާނެ ކަމަށް ބެލެވެނީ، މުގާބޭއަށް ފަހު ވެރިކަމަށް ވަޑައިގެންނެވި ރައީސް އެމާސަން މަނަންގާގުވާ އާއި އެމްޑީސީގެ ލީޑަރު ނެލްސަން ޗަމީސާ އެވެ. (އަލްޖަޒީރާ)