މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެޕަލްގެ ވިޔަފާރި ރަނގަޅުވެ، އެ ކުންފުންޏަށް 11.5 ބިލިޔަން ޑޮލަރުގެ ފައިދާއެއް ލިބިއްޖެއެވެ.

ޖޫން މަހު ނިމުނު، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެޕަލްއަށް ވަނީ ރެކޯޑް އަދަދެއް ކަމަށްވާ 53.3 ބިލިޔަން ޑޮލަރުގެ އާމްދަނީއެއް ލިބިފައެވެ. އެއީ މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު 17 ޕަސެންޓް އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި އެޕަލްއަށް ލިބުނު ފައިދާ ވެސް ވަނީ 32 ޕަސެންޓް އިތުރުވެފައެވެ.

އެޕަލްއިން ދެ ވަނަ ކުރާޓަރުގެ ރިޕޯޓް ނެރުމާ އެކު، އެ ކުންފުނީގެ ހިއްސާގެ އަގު ވަނީ ތިން ޕަސެންޓް އިތުރުވެފައެވެ. އަދި އެ ކުންފުނީގެ މާކެޓް ވެލިއު 940 ބިލިޔަން ޑޮލަރަށް ވުރެ މަތިވެ، އެއް ޓްރިލިޔަން ޑޮލަރާ ގާތަށް ވަނީ ޖެހިލާފައެވެ.

މި އަހަރުގެ ދެ ވަނަ ތިން މަސް ދުވަހުގެ ތެރޭގައި އެޕަލްއަށް ބޮޑު ފައިދާއެއް ލިބުނު ނަމަވެސް، އެޕަލްއަށް އެ މުއްދަތުގައި ވިއްކުނު އައިފޯންގެ އަދަދު ވަނީ ދަށްވެފައެވެ. ނަމަވެސް، އައިފޯން އެކްސް އާ އެކު ފޯނު ވިއްކާ އަގު ބޮޑުވުމުން އާމްދަނީ އިތުރުވީ އެވެ.

އައިފޯން ވިކުނު ވަރު މަދުވި އިރު، އެޕް ސްޓޯރާއި އެޕަލް މިއުޒިކް އަދި އެޕަލް ޕްލޭ ހިމެނޭ އެ ކުންފުނީގެ ސާވިސް ބިޒްނަސް ސެކްޓަރު ވަނީ ވަރަށް ބޮޑަށް ކުރި އަރައިފައެވެ.

އަހަރުން އަހަރަށް ބަލާއިރު ސާވިސް ބިޒްނަސްއިން އެޕަލްއަށް ލިބުނު އާމްދަނީ މި އަހަރުގެ ދެ ވަނަ ކުއާޓަރުގައި 31 ޕަސެންޓް އިތުރުވެފައެވެ. އަދި މިހާރު އަންނަ ބާރު މިނުގައި އެ ވިޔަފާރި ކުރިއަރަމުން އަންނަ ނަމަ 2020 ވަނަ އަހަރު، އެ ވިޔަފާރިން އެކަނި އެޕަލްއަށް 14 ބިލިޔަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.