ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މުވައްޒަފަކު އެ ހޮސްޕިޓަލްގެ ލެބޯޓަރީ ތެރޭގައި ބަދުއަޚުލާގީ އަމަލެއް ހިންގުމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފި ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އަޕަ ނޯތު ހެލްތު ސާވިސަސް ކޯޕަރޭޝަންގެ ދަށުން ހިންގާ އެ ހޮސްޕިޓަލްގެ އިސްއޮފިޝަލަކު ނަން ނުޖެހުމަށް ޝަރުތުކޮށް މިއަދު ވިދާޅުވީ އެ ހޮސްޕިޓަލްގެ ލެބޯޓްރީގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކު ބަދު އަހުލާގީ އަމަލެއް ލެބޯޓްރީ ތެރޭ ހިންގިކަމަށް ތުހުމަތު ކުރެވިގެން އޭނާ ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައިވާކަމަށެވެ. ކޯޕަރޭޝަނުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އެ މައްސަލައިގެ ތަފްސީލެއް އޭނާ ނުދެއްވި އެވެ.

"އެ މުވައްޒަފުގެ މައްސަލަ މިތާންގެ ބޯޑުގައި މިދަނީ މަޝްވަރާ ކުރަމުން. އެކަންދަނީ ބޯޑުގައި ތަހުގީގު ކުރަމުން. އެހެންވެ އޭނާ ވަނީ ގެޔަށް ފޮނުވާލާފައި،" އޮފިޝަލް ވިދާޅުވި އެވެ.

ސަން އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ހިލޭ ފިރިހެނަކާ އެކު ލެބޯޓްރީ ތެރޭ ބަދުއަހުލާގީ އަމަލު ހިންގާ، އެ މަންޒަރު ވީޑިއޯ ކުރުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވަނީ ކުޅުދުއްފުށީ ވަވަތި ، ޒުނޭރާ އަހްމަދެވެ.