10:00


މާލޭގައި މާރާމާރީތައް އިތުރުވެ، ތޫނު އެއްޗެތިން ޙަމަލާ ދިނުން ގިނަވަމުންދާތީ، އެކަންކަން ވަރަށް ޚާއްޞަ ގޮތެއްގައި ބައްލަވައި އެކަންކަން ހުއްޓުވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް ވަރަށް އަވަހަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މިނިސްޓަރ އޮފް ހޯމްއެފެއާޒް މުޙަންމަދު ޝިހާބަށް އަންގަވައިފި އެވެ.


މިޢަމަލުތައް ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑަށް ކުށްވެރިކުރައްވާ ކަމަށާއި އަދި މިފަދަ ޢަމަލުތައް އިތުރުވުމަކީ، އެމަނިކުފާނު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައީސް އޮފީހުން ބުނެ އެވެ.


މާލޭގައި މި ހިނގާދިޔަ މާރާމާރީތަކުގައި ބޮޑެތި އަނިޔާތައް ލިބި އަދި އެކިވަރުގެ ޒަޚަމްތައްވި ކުދިންނަށާއި މީހުންނަށް މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އަވަސް ޝިފާޢަކަށް އެދިވަޑައިގަންނަވާ ކަމަށާއި އަދި އެ ޢާއިލާތަކަށް އިޚްލާޞްތެރިކަމާއެކު ރައީސް ނަޝީދު ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.


މާލޭގައި ހިނގަމުންމިދާ މާރާމާރީތައް ހުއްޓުވުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ޢާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާތީ ޢާންމު ރައްޔިތުން މިކަމުގައި ވަރަށް ބޮޑު އެއްބާރުލެއްވުމެއް ދެއްވައި ފުލުހުންނަށް އެހީތެރިވެދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަންނަވަ އެވެ. އަދި އެފަދަ ޢަމަލުތައް ހުއްޓުވުމަށާއި މިފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އެޅުއްވުމަށް އެކުލަވާލައްވައި، ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅުއްވާފައިވާ ބިލުތައްވެސް ވަރަށް އަވަހަށް ނިންމަވައިދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަރިހުން މި ފުރުޞަތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފަ އެވެ.