01 Aug 2018, 10:23
ވޮޝިންޓަން (އޮގަސްޓް 1): ތްރީޑީ ޕްރިންޓަރެއް ބޭނުންކޮށްގެން ކޮންމެ މީހަކަށް ވެސް 3ޑީ ކޮށް ބަޑިއެއް ޕްރިންޓު ކުރަން ބޭނުންވާ ބްލޫޕްރިންޓު ނެރުން އެމެރިކާގެ ކޯޓަކުން ހުއްޓުވައިފި އެވެ.
ބަޑި ގެންގުޅުމުގެ ހައްގުތަކަށް ވަކާލާތު ކުރާ ގުރޫޕެއް ކަމަށްވާ ޑިފެންސް ޑިސްޓްރިބިއުޓެޑް އިން މީގެ ކުރިން ނިންމާފައި އޮތީ ބަޑި ޕްރިންޓު ކުރަން ބޭނުންވާ ބްލޫޕްރިންޓް މިއަދު ޑައުންލޯޑު ކުރެވޭ ގޮތް ހަދާށެވެ. އަދި މީގެ ކުރިން އެގުރޫޕުން ވަނީ އެކަމަށް އެމެރިކާ ސަރުކާރުގެ ހުއްދަ ހޯދާފައި އެވެ.
ނަމަވެސް އެގައުމުގެ އަށް ސްޓޭޓަކާއި ޑިސްޓްރިކްޓް އޮފް ކޮލަމްބިއާ އިން ވަނީ، ރެޖިސްޓާކޮށްފައި ނުވާ އަދި ޓްރޭސް ނުކުރެވޭ ބަޑި އުފައްދަން އެންމެންނަށް ފުރުސަތު ދިނުމަކީ ގައުމުގެ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ބުނެފަ އެވެ.
އަދި ސިއެޓުލްގެ ޑިސްޓުރިކްޓު ޖަޖް ރޮބަޓް ލަސްނިކް ވަނީ އެމައްސަލާގައި އެސްޓޭޓުތަކާ އެއްކޮޅަށް މައްސަލަ ނިންމައިފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި "ކޮލެޖުތަކާއި އާއްމު ތަންތަނުގައި 3ޑީ ޕްރިންޓަރު ހުންނަ އިރު، އެތަންތަނުގައި ބަޑި ޕްރިންޓު ކުރެވޭ ގޮތް ހެދުމަކީ ނުރައްކާތެރި ކަމަކަށް ވެދާނެ" އެވެ.
އެމައްސަލައިގެ އިތުރު އަޑު އެހުމެއް މިމަހުގެ 10އަކަށް ވަނީ ތާވަލުކޮށްފަ އެވެ. (ބީބީސީ)