އެންމެ ފަހު ވަގުތު "ބާރަތު"ގެ ލީޑު ރޯލަށް ހަމަޖެއްސި ބަތަލާ ޕްރިޔަންކާ ޗޯޕްރާ އެ ފިލްމު ދޫކޮށްލުމުން، ފިލްމުގެ ޕްރޮޑިއުސަރު ނިކިލް ނަމިތު ޕްރިޔަންކާއަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލިކަން ހާމަކުރީ ފިލްމުގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު އެވެ. އައްބާސް ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޕްރިޔަންކާ ފިލްމު ދޫކޮށްލީ ވަރަށް ޚާއްސަ ސަބަބަކާ ހުރެ ކަމަށާއި، ޕްރިޔަންކާއަށް އުފަލާއި ކާމިޔާބަށް އެދޭ ކަމަށެވެ.

"ބާރަތު" އަކީ ގިނަ ދުވަސްތަކެއް ވަންދެން ބޮލީވުޑާ ދުރުގައި ހުރުމަށްފަހު ޕްރިޔަންކާ ސޮއި ކުރި ފުރަތަމަ ފިލްމެވެ.

ޕްރިޔަންކާ ފިލްމު ދޫކޮށްލީ ލޯބިވެރިޔާ ނިކް ޖޯނަސް އާ ދެމީހުން އެންގޭޖުވެ ކައިވެންޏަށް ތައްޔާރުވުމަށް ކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ޕްރޮޑިއުސަރަށް ޕްރިޔަންކާގެ އެ ކުއްލި ނިންމުން ކަމަކު ނުދިޔައެވެ.

ނިކިލް ބުނީ އެންގޭޖްމަންޓުގެ ސަބަބުން ފިލްމު ދޫކޮށްލަން ޕްރިޔަންކާ ނިންމައި އެކަން ހިއްސާކުރީ ވަރަށް ކުއްލި ގޮތަކަށް ކަމަށާއި، އެއީ އެހާ ޕްރޮފެޝަނަލްކޮށް ޕްރިޔަންކާ ކުރި ކަމެއް ނޫން ކަމަށެވެ. އަދި ޕްރިޔަންކާ ފިލްމު ދޫކޮށްލީ ކުޑަ ރޯލެއް ދިނުމުން ކަމަށް ބުނެ ދެކެވޭ ވާހަކަތައް ވެސް ނިކިލް ވަނީ ދޮގުކޮށްފައެވެ.

ނިކިލް ބުނީ ޕްރިޔަންކާ ފިލްމު ދޫކޮށްލީ އަމިއްލަ ސަބަބުތަކާ ހެދި ކަމަށެވެ.

"ޕްރިޔަންކާއަށް އެ ރޯލު ދިނީ ސްކްރީން ޓެސްޓެއްް ވެސް ނުކޮށް. މާކުރިން، މިދިޔަ އޮގަސްޓުގަ ނިންމާފައި އޮތް ކަމެއް އެއީ،" އޭނާ ބުންޏެވެ.

ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމުގެ ޝޫޓިން ވެސް މިހާރު ވަނީ ފަށައިފައެވެ. ނަމަވެސް ޕްރިޔަންކާ ފިލްމުގެ ޝޫޓިން އާ ގުޅެން ހަމަޖެހިފައި އޮތީ ސެޕްޓެމްބަރު މަހު އެވެ. ޕްރިޔަންކާ ފިލްމު ދޫކޮށްލުމުން، ސަލްމާން އާއެކު އެ ފިލްމުން ކެޓްރީނާ ކައިފް އެވެ.

"ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ"ގެ އެޑެޕްޓޭޝަނެކެވެ. ފިލްމު ރިލީޒް ކުރާނީ އަންނަ އަހަރުގެ ފިތުރު އީދު ދުވަހު އެވެ.