ސާކް ސަމިޓަށް ބޮޑީގާޑުން ތަމްރީން ކުރުމުގެ ހަރަކާތެއް ލ. ކައްދޫގައި ހިންގަނިކޮށް ބޮލަށް ވަޒަން އަރައިގެން ސިފައިންގެ މީހަކު މަރުވި ހާދިސާ އަދި ތަހުގީގުކޮށް ނުނިމޭ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފުގެ މީޑިއާ އޮފިސަރު އަބްދުﷲ އަލީ މިއަދު ވިދާޅުވީ، ސިފައިންގެ އޮފިސަރު، ރ. އަލިފުށީ، ޝަބާނާ، އިބްރާހީމް ޝައުކަތު،32،ގެ ބޮލަށް ވަޒަން އެރިގޮތް ސާފުނުވާ ކަމަށާއި އެކަމާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވާން އެނގޭނީ އެ މައްސަލަ ތަހުގީގުކޮށް ނިމުމުން ކަމަށާއި ކޮމެޓީއަކުން މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ނަމަވެސް މައްސަލަ ބަލަނީ ކޮން ކޮމެޓީއަކުން ކަމެއް އަދި ކޮމެޓީގައި ހިމެނެނީ ކިތައް މީހުން ކަމެއް އޭނާ ވިދާޅެއް ނުވި އެވެ.

"ފުލުހުންނާއި އެމްއެންޑީއެފުގެ ބޭފުޅުން ގުޅިގެން ތަހުގީގު ކުރާނީ،" އަބްދުﷲ އަލީ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގީ ބައެއްގެ ލޯމަތީގައިތޯ ދެންނެވުމުން ވެސް އަބްދުﷲ އަލީ އެއަށް ވެސް އެއްޗެއް ވިދާޅުވާކަށް ބޭނުމެއްނުވި އެވެ.

ބޮލަން ވަޒަން އަރައިގެން ޝައުކަތު މަރުވެފައި ވަނީ މިދިޔަ މަހު 28 ގަ އެވެ.

ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ، ހުންނެވި އިބްރާހިމް ރަޝީދު ޑޮކްޓަރުންނާ ހަވާލާދެއްވައި އެ ދުވަހު ވިދާޅުވީ ޝައުކަތުގެ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ. އަދި ޝައުކަތުގެ ބޮލަށް ވަޒަން އެރީ އެ ދުވަހު 11:15 އެހާކަންހާ އިރު ކަމަށާއި ޑޮކްޓަރާ ހަމައަށް ގެންދެވުނީ ފަސް ވަރަކަށް މިނެޓް ތެރޭގައި ކަމަށެވެ. ޑޮކްޓަރުން ބެލުމަށް ފަހު ޝައުކަތު މަރުވެފައިވާ ކަމަށް ބުނެފައި ވަނީ އެ ދުވަހު 11:25ގަ އެވެ.

"ބޮލުގެ ނިތް ކުރިއަށް[ވަޒަން] އަރާފައި ފަހަތުން ވަޒަން ނުކުމެފައި ހުރީ. ގެނައި އިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވަނީ،" ރަޝީދު އެ ދުވަހު ވިދާޅުވި އެވެ.