މާލެ ސިޓީގެ އާބާދީ އިތުރުވުމުން އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 87 މެންބަރުން އިންތިޚާބު ކުރާގޮތަށް ހަމަޖެހިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ވަގުތީ ރިޕޯޓުގައި ބުނެފިއެވެ.

މިހާރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދަކީ 85 އެވެ. މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާ ބެހޭ ގާނުނުގައި ބުނާ ގޮތުން މެންބަރުންގެ އަދަދު ކަނޑައަޅަނީ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓަރީ ކޮށްފައިވާ އާބާދީގެ ފުރަތަމަ 5000 މީހަކަށް ނުވަތަ 5000 މީހުން ހަމަނުވާ ކޮންމެ އިދާރީ ދާއިރާއަކަށް ދެ މެންބަރުންގެ އުސޫލުންނެވެ. އަދި އާބާދީ 5000 އަށް ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5000 މީހުންނަށްވުރެ އިތުރުވާ ކޮންމެ 5000 މީހަކަށް މެންބަރެކެވެ.

އަންނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ވަގުތީ ރިޕޯޓް އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކޮށްފައިވާއިރު، އިންތިޚާބީ ދާއިރާތައް އިދާރީ ދާއިރާތަކަށް ބެހުމަށް މުރާޖައާ ކުރިއިރު އިދާރީ ދާއިރާތަކުގެ އާބާދީއަށް އައިސްފައިވާ ބަދަލާ ގުޅިގެން ދެ ދާއިރާ ވަނީ އިތުރުކޮށްފަ އެވެ. އެގޮތުން އިތުރު ކޮށްފައިވަނީ މާލެ ސިޓީއަށެވެ. މިހާރު މާލޭގައި ތިއްބަވަނީ 13 މެންބަރުން ކަމަށްވިޔަސް އަންނަ އަހަރުގެ އިންތިޚާބުގައި 15 މެންބަރުން އިންތިޚާބު ކުރަން ޖެހޭނެ ކަމަށް ރިޕޯޓްގައި ވަނީ ހިމަނާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ 2014 ވަނަ އަހަރުގެ އިންތިޚާބު ބޭއްވިއިރު މާލޭގެ އާބާދީ އަކީ 630000 އެވެ. އަދި މިހާރުގެ އާބާދީ އަކީ 70900 ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.

މާލެއަށް ދެ މެންބަރުން އިތުރު ކުރަން ހިމަނާފައިވީ ނަމަވެސް އެހެން އެއްވެސް އަތޮޅަކަށް މެންބަރުން އިތުރުކުރަން ނުޖެހޭ ކަމަށް އިލެކްޝަނުން އާންމުކުރި ރިޕޯޓުގައިވެއެވެ.

އިލެކްޝަންސް ކޮމިޝަނަނުން މިއަދު އާންމުކޮށްފައިވަނީ ވަގުތީ ރިޕޯޓެއް ކަމަށް އެ ކޮމިޝަނުން ބުނެއެވެ. އަދި އެ ރިޕޯޓަށް ޝަކުވާ ހުށަހެޅުމަށް 21 ދުވަސް ދިނުމަށްފަހު ދާއިމީ ރިޕޯޓް އާންމުކުރާނެއެވެ.

އެ ކޮމިޝަންގެ މެމްބަރު އަހުމަދު އަކުރަމް ވިދާޅުވީ ދާއިމީ ރިޕޯޓު އާންމުކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި މަޝްވަރާކުރުމަށްފަހު އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ކަމަށެވެ.