މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ސިނަމާލެ ބްރިޖު މަތިން ދަތުރުކުރުމަށް އެމްޕީއެލް އިން ގެންނަ ބަސްތަކުގެ ފުރަތަމަ ޝިޕްމެންޓު މާލެ ގެނެސްފި އެވެ.

އެމްޕީއެލްގެ މީޑިއާ އޮފިޝަލު 'ސަން' އަށް މިރޭ ވިދާޅުވީ ބްރިޖުގައި ދުއްވުމަށް ގެންނަ ބަސްތަކުގެ ފުރަތަމަ ޝިޕްމެންޓްގައި ހިމެނޭ ނުވަ ބަސް މިހާރު ވަނީ މާލެ ގެނަސްފައި ކަމަށެވެ.

އެމްޕީއެލްގެ ސީއީއޯ އަބްދުރައްޒާގު ހަލީމް މީގެ ކުރިން ވިދާޅުވީ ބުރިޖުގައި ދުއްވުމަށް ޖުމްލަ 22 ބަސް ގެނައުމަށް ހަމަޖިހިފައިވާ ކަމަށާއި އޭގެ ތެރޭގައި ހިމެނެނީ އަށް ޑަބަލް ޑެކް ބަހާއި ހަތް ސިޓީ ބަހާއި ހަތް ކައުޗު ބަސް ކަމަށެވެ. އަދި ކައުޗު ބަސްތަކުގައި 40-45 މީހުންގެ ޖާގަ ހުންނާނެ ކަމަށް ވެސް ހަލީމް ވިދާޅުވެފައިވެ އެވެ.

ބަސް ދަތުރުތަކަށް އެމްޕީއެލް އިން 100 މިލިއަން ރުފިޔާ އިންވެސްޓު ކުރާނެ ކަމަށް ހަލީމް މީގެ ކުރިން ވިދާޅުވި އެވެ.

ބަސް ދަތުރުތަކަށް ޗާޖު ކުރާނެ އަދަދު އަދި ކަނޑަ ނާޅާ ކަމަށާއި އެކަމާ މެދު ސަރުކާރާ މަޝްވަރާކުރަމުންދާ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.

މާލެ އާއި ހުޅުލެ އާ ދެމެދު އަޅާ ބްރިޖު މެދުވެރިކޮށް ހުޅުމާލެ އިން މީހުން އުފުލާ ބަސްތަކުގެ ދަތުރުތައް ކުރާނެ ޝެޑިއުލް އަދި ފައިނަލް ވެފައި ނުވާ ކަމަށް އެމްޕީއެލްގެ ސީއީއޯ ހަލީމް ވިދާޅުވި އެވެ.

ބްރިޖުމަތިން ބަހުގެ ދަތުރުތައް ފަށާ އިރު، ޓިކެޓް ގަންނަން ކިޔު ހެދުމުގެ ބަދަލުގައި ކާޑު ބޭނުންކޮށްގެން ދަތުރުތައް ކުރެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް އެމްޕީއެލް އިން ބުނެ އެވެ.