17 Sep 2011, 14:53
ގއ. ވިލިނގިލީގައި ގުރޫޕު ހަދައިގެން ވައްކަންކުރުމާއި އާންމުގެ މުދަލާއި ތަކެއްޗަށް ގެއްލުން ދިނުން އިތުރުވެއްޖެ ކަމަށް ކަމަށް ވިލިނގިލީ ކައުންސިލުން މިއަދު ބުނެފި އެވެ.
ވިލިނގިލީ ކައުންސިލްގެ ރައީސް ސައުދު ހުސެއިން މިއަދު ވިދާޅުވީ ވޭތުވެދިޔަ ދެ ތިން ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެ ރަށުގައި ވައްކަން ކުރުން ގިނަވެ ރައްޔިތުންގެ ޝަކުވާ ބޮޑުވެފައިވާ ކަމަށެވެ. އެރަށުގައި ދުވާލާއި ރޭގަނޑާއި ދަންވަރުގައިވެސް ގުރޫޕް ހަދައިގެން ގޭގެއަށް ވަދެ ވައްކަން ކުރަމުން ގެންދާ ކަމަށް ސައުދު ވިދާޅުވި އެވެ.
"ފަހަކަށް އައިސް ވައްކަން ކުރުމާއި މިފަދަ ކަންކަން މިވަނީ ގިނަވެފައި. އެކަންތައް މިކުރަނީ މަސްތުވާ އެއްޗިހި ބޭނުން ކުރާ މީހުން. އެމީހުން ކުރިން މަސްވެރިކަން ކުރީ. އެކަމަކު މިހާރު އެކަން ކުރިއަކަށް ނުދޭ. އެކަމަކު އެމީހުން ފައިސާ ބޭނުން ވާތީ އެކަން މި ކުރަނީ،" ސައުދު ވިދާޅުވި އެވެ.
އެ ރަށުގެ ބައެއް ރައްޔިތުންވެސް ވަނީ ސަން އަށް ގުޅާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެރަށުން ވާހަކަދެއްކި މީހުންގެ ތެރެއިން ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހަކު މިއަދު ބުނީ ވޭތުވެ ދިޔަ ދެތިން ހަފުތާއެއްހާ ދުވަހުގެތެރޭގައި ރަށުގައި ވައްކަން އާންމުވެ މުދަލަށް ގެއްލުންވުމުގެ ބިރުހީވެފައިވާކަމަށާއި އާންމުންގެ މުދަލަށް އެއްވެސް ރައްކާތެރިކަމެއް ނެތް ކަމަށެވެ.
"ރޭގަނޑު ދަންވަރު މޫނު ބުރުގާ އަޅައިގެން މި މީހުންގެ ގޭގެއަށް ވަދެ ވައްކަން ކުރަނީ. ދުވާލުވެސް ހަމަ އެފަދަ. އަދި ޕެޓްރޯލް ބޮމާއި އެއްޗިހި ގޭގޭ ފުރާޅަށް އުކަނީ. އަޅުގަނޑުމެން މިހާރު މިތިބީ ބިރުން މގުމައްޗަށްވެސް ނިކުންނަން. ނުވެސް ނިދޭ،" އެމީހާ ބުންޏެވެ.
ވިލިނގިލީ އެހެން ރައްޔިތަކުވެސް ބުނީ ގުރޫޕުހަދައިގެން ވައްކަން ކުރުން އާންމުވެ ހިތުގައި ބިރުވެރިކަން އުފެދިފައިވާ ކަމަށެވެ.
"އަޅުގަނޑު ފިރިމީހާ ހުންނަނީ ރަށުން ބޭރުގައި. އަޅުގަނޑަށް މި އުޅެނީ ބިރުން ނުވެސް ނިދެ. ރޭވެސް ޕެޓްރޯލް ބޮންވެސް ފުރާޅަށް އުކި. މިވީ ދެތިން ހަފުތާ މި އުޅެނީ އެހާލެއްގައި،" ނަން ހާމަކުރަން ބޭނުން ނުވާ އެމީހާ ބުންޏެވެ.
ގްރޫޕް ވައްކަންތައް އާންމުވެ ރައްޔިތުން ކަންބޮޑުވެފައިވާއިރު ކައުންސިލްގެ ރައީސް ސައުދު ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފުލުހުންނަށް ހުށަހެޅި ނަމަވެސް ވިލިނގިލީގައި ތިބޭ ފުލުހުން މަދުވުމުން ގުރޫޕުތަށް ހުއްޓުވުމަށް ހުރަސް އެޅިފައިވާކަމަށެވެ.
"އަޅުގަނޑުމެން ފުލުހުންނާ މަޝްވަރާކޮށްފިން. މިކޮޅުގައި އެވަރަށް ފުލުހުންގެ ކެޕޭސިޓީއެއް ނެތް. މިކަން އެންމެ ބޮޑު ހުރަހަކަށް ވެގެން މި އުޅެނީ،" ސައުދު ވިދާޅުވި އެވެ.
ވިލިނގިލީގައި ވައްކަން އާންމުވެފައިވާކަމަށް ރަށު ރައްޔިތުންނާއި ކައުންސިލުން ބުނާއިރު ފުލުހުންގެ ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ވައްކަންތައް ގިނަވެފައިވާކަމަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ފުލުހުން މަދުވެގެން އެކަމުގެ ޝަކުވާއެއް ވެސް ލިބިފައިނުވާ ކަމަށެވެ.
"ކައުންސިލުން އެހެން ބުނިކަމުގައިވިޔަސް އަޅުގަނޑުމެންނަކަށް ފާހާގައެއް ނުކުރެވޭ ވައްކަންތައް ގިނަވެފައިވާ ކަމަކަށް. އަދި ފުލުހުން މަދުވުންވެސް ފާހަގަވެފައެއް ނެތް. މަދުވެއްޖިއްޔާ އިތުރުވެސް ކުރާނެ،" ޝިޔާމް ވިދާޅުވި އެވެ.