ރިޝްވަތުގެ ކުށް ގާނޫނުލް އުގޫބާތުން އުނިކުރަން ސަރުކާރުން އުޅޭ ކަމަށް ބައެއް މީޑިއާތަކުގައި ފަތުރަމުންގެންދާ ވާހަކަތައް ދޮގުކޮށް، އެކަމުގެ ހަގީގަތް ހާމަކޮށްފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ބަޔާންކޮށްފައިވާ ބާބަށް މާއްދާތަކެއް އިތުރުކޮށް އާ އިސްލާހު ތަކަކާއެކު މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ބިލެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

އެ ބިލަކީ ގާނޫނޫލްއުގޫބާތަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ހުށަހެޅުއްވި އިސްލާހުތަކާ އެއްކޮށް ވަކިވަކިން އިސްލާހުތަކެއް ގެންނަވަން ހުށަހެޅުއްވި ބިލެއް ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވި އެވެ. މިއަދު ޕީޕީއެމްގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނިހާން ވިދާޅުވީ ރިޝްވަތުގެ ކުށް އުވާލަން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މީގެ ކުރިންވެސް ގާނޫނުލްއުގޫބާތުގެ ރިޝްވަތުގެ ކުށް ހިމަނާފައިވެ އެވެ. އެއީ 510 ވަނަ ބާބުގަ އެވެ. ނަމަވެސް އަބްދުއްރަހީމް ހުށަހަހެޅުއްވި އިސްލާހުގައި ވަނީ 550 ވަނަ ބާބެއް އިތުރުކޮށް އެބާބުގެ ދަށުން ކޮރަޕްޝަނާއި ރިޝްވަތުގެ ކުށް ހިމަނާ ގޮތަށެވެ. 510 ވަނަ މާއްދާއަށް ބަދަލުގެނެސް އިސްލާހު ހުށަހަހެޅުއްވީ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ އެވެ. އެ ބާބަށް ގެންނަ އިސްލާހުގައި ވާގޮތުން އެއީ ކޯޓު ހުރުމަތް ކެނޑުމުގެ ބާބެވެ.

އެ ދެ އިސްލާހު ވަކިން ހުށަހެޅުއްވީ ކީއްވެތޯ ނޫސްވެރިން ސުވާލު ކުރި އެވެ. އަދި އެއް އިސްލާހު ހުށަހެޅުމަށް ފަހު އަނެއް އިސްލާހު މަޑުޖައްސާލީ ކީއްވެތޯވެސް ނޫސްވެރިން ސުވާލު ކުރި އެވެ. ނިހާން ވިދާޅުވީ އެއީ ރިޝްވަތާއި ކޮރަޕްޝަނުގެ ބާބަށް ގެނެވުނު އިސްލާހުތައް މަޖިލީހަށް ހުށަހެޅި ނަމަވެސް މަޖިލީހުގެ ތަޅުމުގައި ފުރަތަމަ ކިޔުން ނީއްވާ މަޑުޖައްސާލީ ޕީޕީއެމް ޕީޖީ ގުރޫޕުން އެ ބިލާ ބެހޭ ގޮތުން މަޝްވަރާ ކުރެވެމުން ދިޔުމުން ކަމަށެވެ.

އެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ. ނިހާން ވިދާޅުވީ އިސްލާހުތައް ނިމިގެން އަންނާނީ ދެ ހުށަހެޅުން އެކުއެކުކީގައި ކަމަށެވެ.

އަބްދުއްރަހީމް ހުށަހެޅުއްވި އިސްލާހުގައި ވާގޮތުން ދައުލަތުގެ މުވައްޒަފަކަށް ރިޝްވަތު ދިނުމާއި ދައުލަތުގެ މުވައްޒަފަކު ރިޝްވަތުގައި ހިފުމަކީވެސް ކުށެކެވެ. އަދި ބީލަމާ ގުޅޭ ގޮތުން ރިޝްވަތު ދިނުމާއި ރިޝަވަތު ހިފުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އޭގެ އިތުރުން ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލު ކުރުންވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ކޮރަޕްޝަނުގެ ކުއްތަކަށްވެސް ވަނީ ވަކިން ބާބެއް އިސްލާހުގައި ހިމަނާފައިވެ އެވެ. އެގޮތުން ރަސްމީ ގަޑީގައި އަމިއްލަކަން ކަން ކުރުވުމާއި ކޮރަޕްޝަނުގެ އަމަލުން ހޯދާފައިވާ ފައިސާއަށް ބަދަލުގެނައުމަކީވެސް ކުށެއް ކަމަށް ވަނީ ކަނޑައަޅާފަ އެވެ.