ރާއްޖޭގެ ޕަބްލިކް ސެކްޓާ ފައިނޭންސް ހަރުދަނާ ކުރުމަށް ވޯލްޑް ބޭންކުން ރާއްޖެ އަށް 12 މިލިއަން ޑޮލަރު (185 މިލިއަން ރުފިޔާ) ދީފި އެވެ.

އެ އެއްބަސްވުމުގައި މިއަދު ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ވޯލްޑް ބޭންކުގެ ފަރާތުން ސޮއިކުރެއްވީ ކަންޓްރީ ޑިރެކްޓަރު އައިޑާ ސްމަރައި ރިދިހް އެވެ.

އެ 12 މިލިއަން ޑޮލަރުގެ ތެރެއިން ހަ މިލިއަން ޑޮލަރަކީ ހިލޭ އެހީ ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

މިއީ ރާއްޖޭގެ ޕަބްލިކް ފައިނޭންޝަލް މެނެޖްމެންޓް ސިސްޓަމް އިތުރަށް ހަރުދަނާކޮށް ދަރަނި މެނޭޖުކުރުމަށާއި ކޭޝްމެނޭޖްމެންޓް އަދި ފައިނޭންޝަލް ރިޕޯޓިން ހަރުދަނާކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ދިން އެހީއެއް ކަމަށް ފިނޭންސް މިނިސްޓްރީ އިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވީ ވޯލްޑް ބޭންކުގެ އެހީގައި މި އަހަރު ނިމުމުގެ ކުރިން މިނިސްޓްރީގެ ވެބްސައިޓަށް ބަދަލު ގެނެސް ތަފާސް ހިސާބުތައް އާންމުކުރުމުގައި ގެންގުޅޭ އުސޫލުތައް ހަރުދަނާކުރާނެ ކަމަށެވެ. އެގޮތުން ފިސްކަލް ނަންބަރުތައް ވެސް ކުއާޓާ އަކު އެއްފަހަރު އާންމު ކުރާނެ ކަމަށާއި ރާއްޖޭގައި ތިބެގެން އެސްއޭޕީ ކޯސްތައް ހެދޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށެވެ.

"ފާއިތުވި ހަތަރު އަހަރު ވެސް ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް އެހީ ދީފައި. މި އެހީ ބޭނުން ކުރަނީ ޑެޓް މެނޭޖު ކުރުމާއި ފިސްކަލް ރިޕޯޓިން މެނޭޖު ކުރުން އަދި އެސްއޯއީ ހަރުދަނާ ކުރުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ވޯލްޑް ބޭންކުގެ ކަންޓްރީ ޑިރެކްޓަރު ވިދާޅުވީ ވޯލްޑް ބޭންކުން ދިން އެހީ އަކީ މައިގަނޑު ތިން ދާއިރާ އަކަށް ބޭނުން ކުރުމަށް ދިން އެހީ އެއް ކަމަށެވެ. އެއީ އެސްއޯއީ ހަރުދަނާކޮށް އިންސާނީ ވަސީލަތްތައް ތަރައްގީކޮށް މައުލޫމާތު އާންމު ކުރުމުގައި ހަމަހަމަކަން ގާއިމް ކުރުމަށް ކުރާ މަސައްކަތުގައި އެހީވުމަށް ދިން އެހީއެއް ކަމަށް ކަންޓްރީ ޑިރެކްޓަރު ވިދާޅުވި އެވެ.

ފާއިތުވި ހަތް އަހަރު ވެސް ވޯލްޑް ބޭންކުން ރާއްޖޭގެ ޕަބްލިކް ފައިނޭންސް މެނޭޖުކުުރުމަށް ވަނީ އެހީ ދީފަ އެވެ.