ނަރުދަމާގެ ހިދުމަތް ރާއްޖޭގެ ވީހާ ވެސް ގިނަ ރަށްތަކެއްގައި ގާއިމުކުރުމުގެ ގޮތުން ސަރުކާރުން ފައްޓާފައިވާ މަޝްރޫއުގެ ދަށުން 20 ރަށެއްގައި ނަރުދަމާ ގާއިމުކުރުމަށް 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ބަޔަކާ މިއަދު ހަވާލުކޮށްފި އެވެ.

ފެނަކައިން އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްރީލަންކާގެ ހޭކާބް ޕަބްލިކް ލިމިޓެޑާ އެވެ.

އިސްލާމީ މަރުކަޒުގެ ހޯލްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމާ ގުޅޭ އެއްބަސްވުމުމުގައި ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާން އެވެ. ހޭކާބްގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރަޖިތާ ކަރިޔަވަސަން އެވެ.

ވިހި ރަށެއްގައި ނަރުދަމާ އެޅުމަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ފެނަކައިން ބުނީ އެ މަޝްރޫއަކީ ސްރީލަންކާގެ ހޭކާބްއާ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއުއެއް ކަމަށެވެ. އަދި އެ މަޝްރޫއު ނިމިގެން ދާއިިރު ނަރުދަމާ ގާއިމްކުރާ ރަށްތަކުގައި އިތުރު ވަޒީފާތަކެއް އުފެދިގެން ދާނެ ކަމަށް ވެސް ފެނަކައިން ބުންޏެވެ.

އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ އެ ހުރިހާ ރަށެއްގައި ނަރުދަމާ އެޅުމުގެ މަސައްކަތް ދެ އަހަރެއްހާ ދުވަސް ތެރޭގައި ނިމޭނެ ކަމަށެވެ.

ވިހި ރަށެއްގައި ނަރުދަމާ އެޅުމަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

"މިހާރު ވެސް އެބަ މަސައްކަތް ކުރިއަށްދޭ 27 ރަށެއްގައި މަސައްކަތް. ދެން ދޮޅުމަހެއްހާ ދުވަސް ތެރޭގައި ނިމޭނެ ގާތްގަނޑަކަށް 15-20 ދެމެދުގެ ރަށްތައް." މިނިސްޓަރު ވިދާޅުވި އެވެ.

ވިހި ރަށެއްގައި ނަރުދަމާ އެޅުމަށް ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ނަރުދަމާ ގާއިމްކުރާ ރަށްތައް

  • ހއ. - މާރަންދޫ، ވަށަފަރު،
  • ހދ. ވައިކަރަދޫ، ފިނޭ
  • ށ. ފޯކައިދޫ
  • ނ. މާފަރު، ޅޮހި
  • ރ. ކިނޮޅޮސް
  • ބ. ކަމަދޫ، ގޮއިދޫ، މާޅޮސް
  • ޅ. އޮޅުވެލިފުށި
  • ކ. ގުޅި
  • އއ. މަތިވެރި
  • އއ ފެރިދޫ
  • ވ. ކެޔޮދޫ
  • އދ. ދިގުރަށް
  • ތ. ހިރިލަންދޫ
  • ގއ. ދެއްވަދޫ
  • ގދ. ހޯޑެއްދޫ