31 Jul 2018, 14:03
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ވޯލްޑް ހެލްތު އެސެމްބްލީގައި، ކޮންމެ އަހަރަކު ވެސް ދެމުން އަންނަ އެވޯޑްތަކަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހެލްތު މިނިސްޓްރީ އިން މިއަދު ކުރި އިއުލާންގައި ބުނެފައި ވަނީ އެ އެވޯޑްތައް ދިނުމަށް ހަމަޖެހިފައި ވަނީ ހަތަރު ކެޓެގަރީ އަކަށް ބަހާލައިގެން ކަމަށެވެ. އެއީ ސަސަކަވާ ހެލްތު ޕްރައިޒް، ޔުނައިޓެޑް އެރަބް އެމިރޭޓްސް ހެލްތު ފައުންޑޭޝަން، ސްޓޭޓް އޮފް ކުވެއިތު ހެލްތު ޕްރޮމޯޝަން ފައުންޑޭޝަން އަދި ޑރ. ލީ ޖޮންކް ވޫ މެމޯރިއަލް ޕްރައިޒް ފޮ ޕަބްލިކް ހެލްތް އިންނެވެ.
ކޮންމެ ގައުމަކުން ވެސް ކޮންމެ އެވޯޑަކަށް ކުރިމަތިލެވޭނީ އެއް ފަރާތަކަށް ކަމަށް ވެސް އެ އިއުލާންގައި ބުނެފައިވެ އެވެ. އަދި މި އިނާމްތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށް ފަހު އަންނަ އޮކްޓޯބަރު މަހުގެ 15ގެ ކުރިން ހެލްތު މިނިސްޓްރީ އަށް ހުށައެޅުމަށް އެ އިއުލާންގައި ވަނީ ބުނެފަ އެވެ.