އިދިކޮޅު އެމްޑީޕީން ރި-ރެޖިސްޓްރޭޝަން ފޯމުތައް އޮޅުވާލަން އެކި މީހުންގެ ނަމުގައި ނުބައި ފިންގާ ޕްރިންޓް ޖަހަމުންދާ ކަމަށް ޕީޕީއެމްގެ ސެކްޓްރީ ޖެނެރަލް އަދި މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ރި- ރެޖިސްޓްރޭޝަން ފޯމު ފުރުމުގައި ޕީޕީއެމުން ވެސް މަކަރު ހަދަމުންދާ ކަމަށް އެމްޑީޕީން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެކަހަލަ މައްސަލަތަކެއް އިލެކްޝަނަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.

ޚަލީލް ވިދާޅުވީ އެމްޑީޕީން ފޯމު ފުރާއިރު އެކި މީހުންގެ ނަމުގައި ފޯމު ފުރައި ނުބައި ފިންގަ ޕްރިންޓް ޖަހަމުންދާ ކަމަށެވެ. އަދި ފުލުހުން ފިންގަ ޕްރިންޓްގެ ސައްހަކަން ކަށަވަރު ކުރާއިރު އެ ފިންގާ ޕްރިންޓް ދިމާނުވާ ނަމަ ވޯޓު ލުމުގެ ހައްގު ގެއްލޭނެ ކަމަށް ޚަލީލް ވިދާޅުވި އެވެ. ޚަލީލް ތުހުމަތު ކުރައްވާ ގޮތުން އެމްޑީޕީން މަސައްކަތް ކުރަނީ ގިނަ ބަޔަކު ވޯޓުލުމުގެ ހައްގުން މަހުރޫމު ކުރާށެވެ.

"ރައްޔިތުންނަށް ލިބިފައިވާ ވޯޓުލުމުގެ ހައްގަށް މިގޮތަށް އަރައިގަތުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް. ދެހާސް އަށެއްގެ އިންތިހާބު ގަޑުބަޑު ކުރި ގޮތަށް ރައްޔިތުން ވޯޓުން މަހުރޫމުކޮށްގެން އެފުރުސަތު މިފަހަރު ލިބޭނެ ކަމަށް ހީނުކުރާތި،" ޚަލީލް ވިދާޅުވި އެވެ.

ރި-ރެޖިސްޓްރޭޝަނުގެ އެމްޑީޕީން އޮޅުވާލާކަމަށް ޕީޕީއެމުން މީގެ ކުރިންވެސް ވަނީ ތުހުމަތުކޮށްފަ އެވެ. ޚަލީލް ވިދާޅުވީ އެކަމާ ގުޅިގެން ރަސްމީކޮށް ލިޔުމުން އެއްވެސް މައްސަލައެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަ ނާޅާ ކަމަށެވެ.

"އަދި ރަސްމީކޮށް ލިޔުމުން އެއްވެސް މައްސަލައެއް ހުށައެއް ނާޅަން. އެކަމަކު އީސީގެ އެކަމާ ގުޅުން ހުރި ބޭފުޅުންނާ މިދަނީ މަޝްވަރާ ކުރަމުން." ޚަލީލް ވިދާޅުވި އެވެ.

ރި-ރެޖިސްޓްރީވުމުގެ އެންމެ ފަހު ތާރީހަކީ އޮގަސްޓް 11 ވަނަ ދުވަހެވެ. މިހާތަނަށް 17000 އަށް ވުރެ ގިނަ މީހުން ރި-ރެޖިސްޓްރީވާން އެދި ހުށަހަޅާފައިވާ ކަމަށް އިލެކްޝަނުން ވަނީ ބުނެފަ އެވެ.