އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

އިބޫގެ ސްޕޯކްސްޕާސަން މާރިޔާ އަހްމަދު ދީދީ މިއަދު ވިދާޅުވީ އިބޫ ފުރާވަޑައިގަތީ ކެމްޕެއިން ދަތުރުފުޅެއްގައި ކަމަށެވެ.

މާރިޔާ ވިދާޅުވީ އެ ދަތުރުފުޅުގައި އިބޫ ސިންގަޕޫރާއި މެލޭޝިއާގައި އިދިކޮޅުގެ ކެމްޕެއިން ހަރަކާތްތައް ކުރިއަށްގެންދާ ފަރާތްތަކާ ބައްދަލުކުރައްވައި ކެމްޕެއިން ކުރިއަށްދާ ގޮތް ބައްލަވާލައްވާނެ ކަމަށެވެ.

އިބޫ ސިންގަޕޫރަށް ފުރާވަޑައިގެންފައި މިވަނީ އޭނާ ބ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އެވެ.

އިދިކޮޅުގެ ކެމްޕެއިން ފެށި ފަހުން މީގެ ކުރިން ވެސް އިބޫ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފަ އެވެ. މީގެ ކުރިން އިބޫ ވަޑައިގެންނެވީ އިނގިރޭސިވިލާތަށެވެ. އެއީ އޭނާގެ ދަރިކަނބަލުންގެ ގްރެޖުއޭޝަންގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

އިބޫ ކެމްޕެއިން ދަތުރުފުޅެއްގައި ސިންގަޕޫރަށް މިއަދު ފުރާވަޑައިގެންފައިވާ އިރު އޭނާގެ ރަނިންމޭޓު ފައިސަލް ނަސީމް މިހާރު ހުންނެވީ ކެމްޕެއިން ދަތުފުޅެއްގައި އދ. އަތޮޅުގަ އެވެ.