31 Jul 2018, 12:23
މަސައްކަތް ކުރަން އެންމެ ރަނގަޅު އޭޝިއާގެ ކުންފުނިތަކުގެ ތެރޭ މިފަހަރު ވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެ އެވެ.
މިއީ "އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ބީއެމްއެލް އިން ޖެހިޖެހިގެން ހޯދި ދެވަނަ އަހަރެވެ. މި އެވޯޑު ބޭންކަށް ލިބުނީ މުވައްޒަފުންގެ ކަންކަމުގައި ގެންގުޅޭ ކުރިއަރާފައިވާ ސިޔާސަތުތަކާއި މީހުން ބިނާކުރުމުގައި ގެންގުޅޭ އުސޫލްތަކާ ގުޅިގެން ނެވެ. މިއީ ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގް އިންސްޓިޓިއުޓް އިން ދޭ އެވޯޑެކެވެ.
ސިންގަޕޫރުގައި މިއަދު ބޭއްވި އެވޯޑް ރަސްމިއްޔާތުގައި އޭޝިޔާ ޕެސިފިކް ގައުމުތަކުގައި މަސައްކަތްކުރާ ހިޔުމަން ރިސޯސަސް ދާއިރާގެ 300 އަށް ވުރެ ގިނަ މަންދޫބުން ބައިވެރިވި އެވެ.
ބޭންކުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައި ވަނީ ބޭންކުގެ ޑައިރެކްޓަރު ޕީޕަލް އެންޑް ޗޭންޖް ސަހާ ވަހީދާއި އިންޓަރނަލް ކޮމިޔުނިކޭޝަންސް މެނޭޖާ ފާތިމަތު މައިޝާ އާދަމް އެވެ.
ބީއެމްއެލްގެ ޑައިރެކްޓަރު ޕީޕަލް އެންޑް ޗޭންޖް ސަހާ ވިދާޅުވީ ސަރަހައްދުގެ އެންމެ ރަނގަޅު އެމްޕްލޯޔާގެ ގޮތުގައި މި އަހަރު ވެސް ބީއެމްއެލް ހޮވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"އޯގަނައިޒޭޝަނެއްގެ ގޮތުން، ވަޒީފާއަށް އެންމެ އެކަށޭނެ، ހުނަރުވެރި އަދި ކަސްޓަމަރުން ނަށް ޚިދުމަތް ދިނުމަށް އިސްކަންދޭ މުވައްޒަފުން ގެންގުޅުމަށް އަޅުގަނޑުމެން ވަރަށް ޚާއްސަ އިސްކަމެއް ދެން. އަދި ދެވަނަ ފަހަރަށް ވެސް މި އެވޯޑް ރާއްޖެއަށް ގެނެސްދިނުމަށް ޓަކައި އެޗްއާރު ޓީމުން ކޮށްފައިވާ ބުރަ މަސައްކަތަށް ޝުކުރުއަދާކުރަން. އެ ޓީމުގެ ދެވަނައެއް ނުވާ ޕްރޮފެޝަނަލް މަސައްކަތާ އެކު މި ކާމިޔާބު ހޯދުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކުގެ މެނޭޖަރުންނާއި މުވައްޒަފުންގެ ޓީމަކީ ވެސް އެކުއެކީގައި މަސައްކަތްކުރުމަށް އިސްކަންދީ އަދި އެކަށިގެންވާ މަސައްކަތުގެ މާހައުލެއް ބޭންކުގައި ގާއިމްކުރުމަށް ވަރަށް އިސްކަންދޭ މުވައްޒަފުން." ސަހާ ވިދާޅުވި އެވެ.
ބޭންކް އޮފް މޯލްޑިވްސްއަކީ "އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސް" ފުޅާ ދާއިރާއެއްގައި ދިރާސާ ކުރުމަށްފަހުން މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލާ ކުންފުންޏެއް ކަމަށް އެބޭންކުން ބުނެ އެވެ. ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ސިޔާސަތުތަކަށް ބޮޑު ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.