17 Sep 2011, 14:05
މިއަހަރު ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވި 21 އަހަރުން ދަށުގެ" ޔޫތްއެފްއޭ ކަޕް" ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ތިން ކުޅުންތެރިއަކަށް ލިބުނެވެ. އެ ތިން ކުޅުންތެރިންގެ ތެރެއިން އެ މަޤާމް ހޯދި ވެލެންސިއާގެ ފޯވާޑް އަބްދުލް ވާހިދު އިބްރާހިމް )ވާޑް( އަކީ، އެ މަޤާމް ލިބުނު ކުޅުންތެރިންގެ ތެރެއިން އެންމެ ހަގު ކުޅުންތެރިޔާއެވެ. އަދި ވާޑުގެ އިތުރުން މޮޅު ކުޅުންތެރިޔާގެ މަޤާމް ހޯދީ ނިއުގެ ކެޕްޓަން އަލީ ހައިޝަމް އާއި މާޒިޔާގެ މުހައްމަދު ތަސްމީނެވެ.
އުމުރުން 18 އަހަރުގެ ވާޑަކީ ސެންޓަފޯ ހަޔާ އެޑްއުކޭޝަން ސެންޓާ )ސީއެޗްއެސްސީ( ގެ ގްރޭޑް 12 ގައި ކިޔަވަމުން އަންނަ ދަރިވަރެކެވެ.
ކިޔެވުމަށް ދޭ އަޙްމިއްޔަތުގެ އިތުރުން، ފުޓްބޯޅައަކީ އޭނާ އެންމެ ގަޔާވާ ކުޅިވަރެވެ. ވާޑް ބުނީ، ފުޓްބޯޅަ ކުޅެނީ އަބަދުވެސް ވަރަށް ކުޅޭ ހިތުން ކަމަށާއި ނިމިގެން ދިޔަ ޔޫތު އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަޤާމް ލިބުމުން ކުރަމުން އައި އުންމީދުތަކަށް އިތުރު ހިތް ވަރެއް ލިބިފައިވާ ކަމަށެވެ. އަދި އެމަޤާމް ލިބުމުން ފުޓްބޯޅައަށް އޮތް ލޯބި މިހާރު އިތުރުވެ ފުޓްބޯޅައިގައި އިތުރު ހަރުފަތްތަކެއް ގިރާ ކުރުމުގެ ޝައުގުވެރިކަ އެބަހުރި ކަމަށެވެ.
"ކިޔަވަން ބޭނުން. މިހާރުވެސް ކިޔަވަމުން މިދަނީ. ފުޓްބޯޅަ ކުޅުމަކީ ވަރަށް ކުރާހިތުން ކުރާމެއް. ބޭނުން ވަނީ މޮޅު ކުޅުންތެރިއަކަށް ވާން،" ވާޑް ބުންޏެވެ.
މިހާރު ކުރިއަށްދާ ދިރާގް ދިވެހި ލީގުގެ ތިން ވަނަ ބުރުގެ ގަދަ ހަތަރެއްގެ ޖާގަ ގެއްލުނު ވެލެންސިޔާގެ ޖޯޒީނަންބަރު 23 އަށް ކުޅެމުން އަންނަ ވާޑް ބުނީ، ވެލެންސިއާ ކަހަލަ ބޮޑު ޓީމަކަށް ކުޅެން ލިބުމުން އުފާވާ ކަމަށާއި ޔޫތްއެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގައި ވެލެންސިޔާގެ ކެޕްޓަން ބޭޑް އަޅައި، މުބާރާތުގައި ކުޅުނު ހަތަރު މެޗްގައި ކުލަބަށް ކާމިޔާބުކޮށް ދެވުނު ދެ ލަނޑަކީ ފާހަގަ ކޮށްލެވުނު ދެ ގޯލް ކަމަށެވެ.
"ވެލެންސިޔާއަށް ކުޅެން ލިބުމުން ވަރަށް އުފާވޭ. ކުލަބަގެ ކޯޗިން ސްޓާފުން ދެމުން އަންނަ އެއްބާރުލުން ވަރަށް ފުރިހަމަ. ހާސަކޮށް ކުލަބްގެ ކޯޗް )ކުޑަހީނާ(އަހަންނަށް ދޭ އެއްބާރުލުން ވަރަށް ފުރިހަމަ. ކުޑަހީނާގެ އިރުޝާދުގެ ދަށުން އަހަރެން ކުރިއަރަން ވަރަށް މަސައްކަތް ކުރަން،" ވާޑް ބުންޏެވެ.
ވާޑް ބުނީ، 23 އަހަރުގެ ޤައުމީ ޓީމުން ޖާގަ ލިބުމުން ވެސް އުފާވާ ކަމަށާއި ހުރިހާ އުފަލެއްގެ ފަހަތުގައި ވަނީ އާއިލާ ކަމަށެވެ.
"އަހަރެން ބޭނުން ދިވެހި ޤައުމީ ޓީމަށް ކުޅެން. އަހަރެން މަސައްކަތް ކުރާނަން އެ މަޤްސަދު ހާސިލް ކުރަން،" ވާޑް ބުންޏެވެ.
ކުރިއަށް އޮތްތާގައި މޮޅުކުޅުންތެރިއަކަށް ވުމުގެ އަޒުމުގައި ހުރި ވާޑް ކިޔެވުމުގައި ވެސް މޮޅުވާން ބޭނުން ވެއެވެ. އޭނާގެ ހުވަފެނަކީ ކިޔެވުމުން ޤައުމަށް ރީތިނަމެއް ހޯދާ ދިނުމާއެކު މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް ވުމެވެ.