31 Jul 2018, 12:03
ހަތެއް ފެބުރުއަރީ ވަނީ ތަހުގީގުކޮށްފައި ކަމަށާއި އެމްޑީޕީން ވަނީ ތަހުގީގުގެ ނަތީޖާ ބަލައިގަނެ އެކަން މާޒީއަށް ދޫކޮށްލާފައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމުދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒު އެހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ރަނިންގް މޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ދެއްކެވި ވާހަކަފުޅަކާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ. ޝަހީމް ވިދާޅުވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ހޮވިއްޖެ ނަމަ ހަތެއް ފެބުރުއަރީ 2012 ވަނަ ދުވަހު ހިނގައި ދިޔަ ކަންކަން ތަހުގީގު ކުރާނެ ކަމަށެވެ.
ފައްޔާޒު ވިދާޅުވީ ހަތެއް ފެބުރުއަރީ 2012ގައި ހިނގައި ދިޔަ ކަންކަން ތަހުގީގުކޮށްފައިވާ ކަމަށާއި އަދި އެމްޑީޕީން އެ ތަހުގީގު ބަލައިގަނެ މާޒީއަށް ދޫކޮށްލާފައިވާ ކަމަށެވެ.
"ހަމައެކަނި އެމްޑީޕީން ބުނަނީ ހަތެއް ފެބުރުއަރީއާ ބެހޭ ގޮތުން ކޯނީ ރިޕޯޓުގައި ހުރި ކަންކަން ތަންފީޒު ކުރަން،" ފައްޔާޒުގެ ޓްވީޓުގައި ވިދާޅުވި އެވެ.
ޑރ. ޝަހީމް ވިދާޅުވީ ހަތެއް ފެބްރުއަރީ އަލުން ތަހުގީގުކޮށް އިދިކޮޅުގައި މިހާރު ހިމެނޭ ބައެއް މީހުން ޖަލަށް ލާނެ ކަމަށެވެ.
"އެ ބޭފުޅުން ވިދާޅުވަނީ މީގެ ކުރިން ހިނގާފައިވާ ކަންތައްތައް ވެސް ތިމަންނަމެން ބަލާނަމޭ ތަހުގީގު ކުރާނަމޭ. ހަތެއް ފެބްރުއަރީގެ ވެސް ތަހުގީގު ކުރާނެ. އޭގައި އެމީހުން ބާޣީންގެ ގޮތުގައި ސިފަ ކުރި މީހުންގެ މައްސަލަތައް އަލުން ބަލާނެ،" ޑރ. ޝަހީމް ވިދާޅުވި އެވެ.
ހަތެއް ފެބްރުއަރީގެ މައްސަލަ އަލުން ނުބައްލަވާނަމޭ ބުނަން އިބޫއަށް ކެރިވަޑައިނުގަންނަވާނެ ކަމަށް ވެސް ޑރ. ޝަހީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ ތަހުގީގުކޮށް އެކަމުގައި ބައިވެރިވި މީހުންނަށް 25 އަހަރުގެ ހުކުމް ވެސް ކުރާނެ ކަމަށެވެ.
ހަތެއް ފެބުރުއަރީ 2012 ވަނަ އަހަރު ވެރިކަން ބަދަލުވި ގޮތް ބެލުމަށް އެކުލަވާލި އިންކުއަރީ ކޮމިޝަނުން ވަނީ މައިގަނޑު ހަތަރު ކަމެއް ބަލައިފަ އެވެ. އެއީ 2012 ޖެނުއަރީ 14 އިން ފެށިގެން ފެބްރުއަރީ އަށް ވަނަ ދުވަހާ ދެމެދު ރާއްޖޭގައި ހިންގި ކަންކަންކަމާއި ހަތެއް ފެބްރުއަރީ ގައި ވެރިކަން ބަދަލުވިގޮތުގެ އިތުރުން ނަޝީދު އިސްތިއުފާ ދެއްވީ ގާނޫނާއި ހިލާފް މަޖުބޫރުކުރުމުގެ ތެރެއިންތޯ އާއި ވެރިކަން ބަދަލުވީ ގާނޫނާއި އެއްގޮތައްތޯ ބަލާފައިވެ އެވެ.
ހަ މަސް ދުވަސްވަންދެން އެކޮމިޝަނުން ކުރި މަސައްކަތަށް ފަހު ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ ހަތެއް ފެބްރުއަރީ ގައި ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތީ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުގައި ގާނޫނާ ހިލާފް މަޖުބޫރު ކުރުމެއް ނުވަތަ ބިރުދެއްކުމެއް ހިމެނިގެން ނުވާ ކަމަށާއި އެ ތުހުމަތުތަކަށް ބާރުލިބިދޭ ނުވަތަ ވާގިވެރިވާ އެއްވެސް ހެއްކެއް އެކޮމިޝަނަށް ލިބިފައިނުވާ ކަމަށް އެކޮމިޝަނުގެ ރިޕޯޓުގައި ބުނެ އެވެ.
އިންކުއަރީ ކޮމިޝަނުން 293 މީހުންނާ އިންޓަވިއުކޮށްފައިވާ އިރު އޭގެ ތެރެއިން 15 މީހަކާ އެއް ފަހަރަށް ވުރެ ގިނަ ފަހަރު އިންޓަވިއުކޮށްފައިވާ ކަމަށް އެކޮމިޝަނުން ބުނެފައިވެ އެވެ.