އިނގިރޭސި ޕްރިމިއާލީގު ހޯދުމަށް ލިވަޕޫލަށް އަދިވެސް ކުޅުންތެރިން ބޭނުންވާ ކަމަށް އެޓީމަށް ކުރިން ކުޅެފައިވާ ތަޖުރިބާކާރު މިޑްފީލްޑަރު ޗާލީ އެޑަމް ބުނެފިއެވެ.

މިދިޔަ ސީޒަންގައިވެސް ގާތް ގަނޑަކަށް 170 މިލިއަން ޕައުންޑް ހޭދަކޮށްގެން ޓީމަށް ކުޅުންތެރިން ގެނެސްފައިވާ އިރު، ޔާގަން ކްލޮޕާއެކު ލިވަޕޫލުން ލީގު ނިންމާލީ ހަތަރު ވަނައިގައެވެ. އެހެން ނަމަވެސް އެޓީމުން ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކޮށްފައެވެ.

ޑިފެންސް ވަރުގަދަ ކުރުމުގެ ގޮތުން ފިނި މޫސުމުގެ ޓްރާންފާގައި ރެކޯޑު އަގަކަށް ވާޖިލް ވޭން ޑައިކް ޓީމަށް ގެނެސްފައިވާ އިރު، ޗާލީ އެޑަމް ބުނެފައި ވަނީ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާ ޗެލެންޖު ކުރަން ލިވަޕޫލަށް އަދި ޑިފެންޑަރެއް ބޭނުންވާ ކަމަށެވެ.

ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް ލިވަޕޫލުން ވަނީ ވަރުގަދަ ޓްރާންސްފާތަކެއް ކޮށްފައެވެ. އެގޮތުން ސްޓޯކް ސިޓީއަށް ކުޅެމުންދިޔަ ޒެރްދާން ޝަގީރީގެ އިތުރުން މޮނާކޯގެ ފަބީނިއޯ އަދި ޖަރުމަނުގެ ލެއިޕްޒިޕްއިން ވިދާލި ނަބީ ކެއިޓާވެސް ވަނީ ލިވަޕޫލާ ގުޅިފައެވެ. އަދި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާގެ ސޮއި ލިވަޕޫލުން ހޯދުމާއެކު އެޓީމުވެފައި ވަނީ ގިނަ ބައެއްގެ ނަޒަރުގައި ލީގަށް ވާދަކުރާނެ ޓީމަކަށެވެ.

ޗާލީ އެޑަމް ބުނެފައި ވަނީ ސެންޓްރަލް ޑިފެންޑަރެއްގެ އިތުރުން ލިވަޕޫލަށް އަދި އިތުރު ކުޅުންތެރިއަކު ގެންނަން ޖެހޭ ކަމަށާއި، އޭރުން ލީގު ލިބުމަށް ބޮޑު ޔަގީން ކަމެއް ލިބޭނެ ކަމަށެވެ. ހާއްސަކޮށް ކްލޮޕްގެ ސަބަބުން ލިވަޕޫލްގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވަމުންދާ ކަމަށާއި، މިދިޔަ ސީޒަންގެ މައްސަލަތައް މިފަހަރު ހައްލު ކުރުމަށް ލިވަޕޫލުން ވިސްނުމަކީ ބުއްދިވެރިކޮށް ކުރި ކަމެއް ކަމަށްވެސް ޗާލީ އެޑަމް ބުންޏެވެ.

ޗާލީ އެޑަމް ބުނީ ލިވަޕޫލަށް މިދިޔަ ސީޒަންގައި ދިމާވި އެއް މައްސަލައަކީ ކީޕަރުގެ މައްސަލަ ކަމަށާއި، އޭގެ އިތުރުން މުހައްމަދު ސަލާހް ކަހަލަ ކުޅުންތެރިންނަށް ރެސްޓް ނުލިބުމުގެ މައްސަލަ ކަމަށެވެ. ޒެރްދާން ޝަގީރީ އަދި އެލިސަން ބެކާގެ ސޮއިއާއެކު އެ މައްސަލަތައް ހައްލުވާނެ ކަމަށްވެސް ޗާލީ އޭޑަމް ބުންޏެވެ.