ޖުޑިޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މެންބަރު ކަމަށް ގާނޫނީ ވަކީލް މުހަންމަދު ސަލީމް (ރޭނީސް ސަލީމް) ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވައިފިއެވެ.

ޖޭއެސްސީގެ ރައީސް ކަމައް ސަލީމް އައްޔަނު ކުރައްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސަލީމަށް ހުވާލައިދެއްވީ ޖޭއެސްސީގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.

ސަލީމަކީ ކުރީގެ ރައީސް މުހަންމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައިވެސް ޖޭއެސްސީގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ވަކި ހިސާބަކުން އެ މާގާމުން އޭނާވަނީ ވަކިކޮށްފައެވެ.

ޖޭއެސްސީ އެކުލެވިގެންވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ހައިކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުގެ ފަނޑިޔާރަކާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކާއި، ރައްޔިތުންގެ ތެރެއިން ބޭފުޅަކާއި، ސިވިލް ސާވިސް ކޮމިސަންގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ގާނޫނީ ވަކީލެއްގެ މައްޗަށެވެ.

އެ ގޮތުން ސަލީމް އައްޔަނު ކުރައްވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އައްޔަނު ކުރައްވާ ބޭފުޅަކަށެވެ.