31 Jul 2018, 10:42
ވޮޝިންޓަން (ޖުލައި 31): އުތުރު ކޮރެއާ އިން އާ ބެލިސްޓިކް މިސައިލްތައް އުފައްދަމުންދާ ކަމަށް އެމެރިކާ ސަރުކާރުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ބުނެފި އެވެ.
ވޮޝިންޓަން ޕޯސްޓުގައިވާ ގޮތުން އުތުރު ކޮރެއާގެ ބެލިސްޓިކް މިސައިލް އުފައްދާ ސައިޓެއްގައި މަސައްކަތްތައް ކުރިއަށްދާ ކަން ޖާސޫސީ ސެޓެލައިޓުތަކަށް ވަނީ ފާހަގަވެފަ އެވެ.
އެސައިޓަކީ އުތުރު ކޮރެއާގެ ފުރަތަމަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް އުފެއްދި ސަރަހައްދު ކަމަށް ރިޕޯޓުތަކުގައިވެ އެވެ.
ނަމަވެސް ސެޓެލައިޓު ފޮޓޯތަކުން ދައްކަނީ އެސައިޓުން އުޅަނދުތައް ވަދެ، ނުކުމެ ހަދާތަން ކަމަށާއި މިސައިލެއް އުފައްދާ މަންޒަރު ފެނިފައި ނުވާ ކަމަށް ވެސް ރޮއިޓާސް އިން ބުންޏެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން ވަނީ މިދިޔަ މަހު ސިންގަޕޫރުގައި ބައްދަލުކުރައްވައިފަ އެވެ. އަދި އެބައްދަލުވުމުގައި ދެ ގައުމުން ވަނީ ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމަށް ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފަ އެވެ.
އުތުރު ކޮރެއާ އިން ވަނީ މީގެ ކުރިން ހަ ފަހަރަކު ނިއުކްލިއާ ޓެސްޓުތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެންމެ ފަހުން އެގައުމުން ނިއުކްލިއާ ޓެސްޓެއް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ. (ބީބީސީ)