ޕްރެމިއާ ލީގުގައި މާދަމާރޭ ޓޮޓެންހަމް އާއި ދެކޮޅަށް ރަށުން ބޭރުގައި ލިވަޕޫލް ކުޅޭ މެޗުގައި އެޓީމުގެ ސްލޮވާކިއާ ޑިފެންޑަރު މާޓިން ސްކާޓެލް އަށް އިދިކޮޅު ޓީމުގެ ވޭލްސް މިޑްފީލްޑަރު ގެރަތް ބޭލް ހިފެހެއްޓޭނެކަމާމެދު ޝައްކު ނުކުރާކަމަށް ކޯޗު ކެނީ ޑަލްގިޝް ބުނެފިއެވެ.

ޑިފެންޑަރު ސްކާޓެލް ޕްރެމިއާ ލީގުގައި ލިވަޕޫލް އިން ފެނިފައިވަނީ ހަމައެކަނި ބޮލްޓަން އަދި އާސެނަލާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. އާސެނަލްގެ ކަނާތްފަޅީގެ ޑިފެންސް ބަލަހައްޓަމުންދާ މާޓިން ކެލީ އާއި ގްލެން ޖޯންސަން އަށް އަނިޔާވުމާއި ގުޅިގެން ލިވަޕޫލް ކޯޗު ޑަލްގިޝް އަށް ޖެހިފައިވަނީ ސްކާޓެލް ގެ ބޭނުން ހިފާށެވެ.

އެންމެ ފަހަތުގެ ޑިފެންސް ގައި ހަރާކާތްތެރިވާ ސްކާޓެލް އަށް ކަނާތު ފަޅި ހިފެހެއްޓޭނެ ކަމާމެދު އެއްވެސް މައްސަލައެއް ކުރިމަތި ނުވާނެކަމަށް ޑަލްގިޝް ގަބޫލު ކުރެއެވެ. މިމެޗު ވެގެންދާނީ ލިވަޕޫލު ޓިމުގައި ތިބި އާކުޅުންތެރިންނަށް އެމީހުންގެ ހުނަރު ދައްކާލަން ރަނގަޅު ފުރުސަތަކަށެވެ.

"އޭނާ އެކުޅެނީ އާންމުކޮށް ކުޅޭ ތާކަށް ނޫން. އެކަމަކު އެއްވެސް މައްސަލައެއް ނުޖެހޭނެ. ބޮލްޓަން އާ ދެކޮޅަށް ނުކުމެ އެކަން އޭނަ ވަނީ ސާބިތުކޮށްދީފަ. ކަނާތު ޑިފެންސަށް ކުޅެ އެމަގާމުގައި ވަރަށް ރަނގަޅު ދައުރެއް އަދާކޮށްފައިވޭ. ސްކާޓެލްއަށް ދޭ ކޮންމެ ފުރުސަތެއްގައި އޭނާ ގަދަ އަޅާ މަސައްކަތް ކުރާނެ. އޭނާއަށް ބޭލް ހިފެހެއްޓޭނެ." ލިވަޕޫލްގެ ކޯޗް ޑަލްގިޝް ބުންޏެވެ.

ޕްރެމިއާ ލީގުގައި މިދިޔަ ހޮނިހިރު ދުވަހާއި ޖެހެންދެން ގަދަ ހަތަރެއްގައި އޮތް ލިވަޕޫލް އިން ސްޓޯކް ސިޓީ އާއި ބައްދަލުކޮށް 1-0 ލަނޑުން ބަލިވުމުން ވަނީ ހަވަނަ އަށް ވެއްޓިފައެވެ. މާދަމާރޭ ލިވަޕޫލާއި ދެކޮޅަށް ނުކުންނަ ޓޮޓެންހަމް ސީޒަނުގައި މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.