31 Jul 2018, 10:13
މި އަހަރުގެ ރިޔާސީ އިންތިހާބުގައި ލާނީ ސިޔާސީ ވޯޓެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އެމްޕީއެލްގެ "ޕޯޓް ހިޔާ" މަޝްރޫއު އިިފްތިތާހު ކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ މި އަހަރުގެ ސެމްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ލާ ވޯޓަކީ ގައުމަށް ބޭނުން ވަނީ ކުރިއެރުންތޯ ނޫނީ ފަހަތަށް ސޮއްސާލާނީތޯ ބެލުމަށް ލާ ވޯޓެއް ކަމަށެވެ.
ސައުތު އޭޝިއާ ސަރަހައްދުގައި އެންމެ ކުރިއަރަމުން އަންނަ އިގްތިސާދަކީ ރާއްޖޭގެ އިގްތިސާދު ކަމަށާއި ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމަކަށް އެ ޝަރަފު ހޯއްދަވައި ދެއްވީ ރައީސް ޔާމީނުގެ ސަރުކާރުގެ ހަތަރު އަހަރާ ބައިގެ ތެރޭގައި ކަމަށް ސައީދު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ ވޭތުވެ ދިޔަ 40 އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ އިތުރުވީ 200 ޑޮލަރުން 4000 ޑޮލަރަށް ކަމަށާއި ނަމަވެސް ރައީސް ޔާމީންގެ ޒައާމަތުގެ ހަތަރު އަހަރާއި ބައިގެ ތެރޭގައި ބޮލަކަށް ޖެހޭ އާމްދަނީ 10،200 ޑޮލަރަށް އިތުރުކޮށްދެއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން ކުންފުނިތައް ކޮޅަށް ޖަހާފައި ވަނީ އެންމެ ހިއްސާއެއް ވެސް ބޭރުގެ ބަޔަކަށް ވިއްކާނުލައި ކަމަށެވެ.
"މި ސަރުކާރަށް ކިތަންމެ ޕްރޮޕޯސަލްއެއް އައި އެމްޕީއެލް ޑިވެލޮޕް ކުރަން. ކީކޭތޯ ރައީސް ޔާމީން ވިދާޅުވީ؟ އެމްޕީއެލްގެ އެންމެ މުވައްޒަފަކު ވެސް ވަކިވެގެން ދާނެ އެއްވެސް ހައްލެއް ތިމަން މަނިކުފާނު ނުހޯއްދަވާނަމޭ،" ސައީދު ވިދާޅުވި އެވެ.
ޖީއެމްއާރަށް ދައްކަން ޖެހުނު ފައިސާ އަށް އިޝާރާތްކުރައްވައި މިނިސްޓަރު ވިދާޅުވީ "ދިވެހިންގެ މިނިވަންކަން ވެސް ޖެހުނީ ގަންނަން" ކަމަށެވެ.