އައްޑޫ ސިޓީން ގެއްލިގެން ހޯދަމުން ދިޔަ 80 އަހަރުގެ ފިރިހެނަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު "ސަން" އަށް ވިދާޅުވީ، އައްޑޫ ސިޓީ އިން މީހަކު ގެއްލިގެން ރޭ 12:43 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އަދި އޭނާ ހޯދަމުންދަނިކޮށް މަރުވެފައި އޮއްވާ ފެނުނީ މިއަދު ހެނދުނު 8:05 ހާއިރު ކަމަށާއި އޭނާ ފެނުނީ ލިންކު ރޯޑާ ދިމާލުން ކުޑުމާހެރަ ކިޔާ ފަޅުރަށަކާ ދިމާ މޫދު ކައިރިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މަރުވެފައި އޮއްވާ ފެނުނީ އައްޑޫ ސިޓީ ހިތަދޫ، ގޯޔާވިލާ އަބްދުﷲ މަނިކުފާނު ކިޔާ މީހެކެވެ.

"އައްޑޫ ލައިވް" ގައި ބުނެފައިވާގޮތުން އަބްދުﷲ މަނިކުފާނަކީ އާންމުކޮށް އެ ސަރަހައްދަށް މޫދަށް ގޮސް އުޅޭ މީހެކެވެ. އޭނާ މަރުވެފައި އޮއްވާ ފެނިފައިވަނީ އޭނާ އާންމުކޮށް މޫދަށް ގޮސް އުޅޭ ސަރަހައްދާ މާ ދުރުނޫން ސަރަހައްދަކުން ކަމަށްވެސް ބުނެފައިވެއެވެ.

އަބްދުﷲ މަނިކުފާނު މަރުވެފައި އޮއްވާ ފެނުނުއިރު އޭނާގެ ހަށިގަނޑުން އެއްވެސް އަނިޔާއެއް ފެންނަން ހުރިތޯ ބަލަމުންދާކަމަށް ފުލުހުން ބުނެއެވެ.