31 Jul 2018, 09:03
އަލީ އައްބާސް ޒަފަރު ޑައިރެކްޓުކޮށް، ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ބާރަތު"ގެ ޝޫޓިން މިދިޔަ ހަފްތާގައި ފެށުނުއިރު އެ ފިލްމުގެ އަންހެން ލީޑަށް ހަމަޖައްސާފައިވާ ބަތަލާ ޕްރިޔަންކާ ޗޯޕްރާ ވަނީ އޭނާ އެންގޭޖްވުމާ ގުޅިގެން ފިލްމު ދޫކޮށްލާފައެވެ.
ޕްރިޔަންކާ ފިލްމު ދޫކޮށްލިކަން އެނގުނު ހިސާބުން އެންމެ އިންތިޒާރު ކުރެވުނީ މި ފިލްމުގެ ބަތަލާ އަކީ ކޮބައިތޯ ބެލުމަށެވެ.
ޑައިރެކްޓަރު ޒަފަރު ކުރި ޓްވީޓްގައި ބުނީ ޕްރިޔަންކާގެ ބަދަލުގައި ސަލްމާން އާ އެކީ އެ ފިލްމު ކުޅޭނީ ކެޓްރީނާ ކައިފް ކަމަށެވެ.
ކެޓްރީނާ ފިލްމަށް ސޮއިކޮށްފައިވާކަން ކަށަވަރުވެފައިވާއިރު ޒަފަރު ބުނީ ކެޓްރީނާ އަކީ ހުނަރުވެރި މޮޅު ބަތަލާ އެއް ކަމަށެވެ. އަނެއްކާ ވެސް ސަލްމާން އާއި ކެޓްރީނާ އެއްކޮށް ސްކްރީނަށް ގެނެވޭތީ ހިތްހަމަޖެހޭ ކަމަށް ވެސް ޑައިރެކްޓަރު ބުންޏެވެ.
ޒަފަރު ޑައިރެކްޓްކުރި ފުރަތަމަ ފިލްމު "މޭރޭ ބްރަދާ ކީ ދުލްހަން"ގައި ވެސް އަންހެން ލީޑަކީ ކެޓްރީނާ އެވެ.
ފިލްމުގެ ކާސްޓުގެ ތެރޭގައި ސަލްމާން އަދި ދިޝާގެ އިތުރުން ދެން ހިމެނެނީ ތާބޫ، ސުނިލް ގްރޯވަރު، ޓީވީ އެކްޓަރު އާސިފް ޝައިޚް ފަދަ އެކްޓަރުންނެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނަ އެ ފިލްމުގެ ޝޫޓިން ކުރިއަށް ދާނީ އިންޑިއާގެ މުމްބާއީ، މާލްޓާ އަދި ދުބާއީގައެވެ. "ބާރަތު" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ފިތުރު އީދާ ދިމާކޮށެވެ.
"ބާރަތު" އަކީ 2014 ވަނަ އަހަރު ރިލީޒް ކުރި ދެކުނު ކޮރެއާ ފިލްމު "އޯޑް ޓު މައި ފާދާ"ގެ އެޑެޕްޓޭޝަނެކެވެ.