ޣައްޒާއަށް އެހީ ހިފައިގެން ދިޔަ ފްރީޑަމް ފްލޮޓިއްލާ ކޯލިޝަންގެ ބޯޓެއް އިސްރާއިލުން ހުައްޓުވައިފިއެވެ.

އިސްރާއިލުން ހުއްޓުވި ބޯޓުގައި 13000 ޔޫރޯގެ މެޑިކަލް ސާމާނު ހުއްޓެެވެ. އިސްރާއިލުން އެ ބޯޓު ހުއްޓުވީ އެ ބޯޓު ޣައްޒާއާ 70 ނޯޓިކަލް މޭލު ކައިރިއަށް އައިސްފައި ވަނިކޮށެެވެ.

ޣައްޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް މަސައްކަތްކުރާ ޖަމާއަތެއް ކަަމަށްވާ ހައި ކޮމެޓީ ފޯ ރިޓާން އެންޑް ބްރޭކިން ދަ ސީޖް އިން ވަނީ ބައިނަލްއަގްވާމީ ފަރާތްތަކުން ޒިންމާ އިތުރަށް ނަގައި ޣައްޒާއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވައިލައިފައެވެ.

އިންޓަނޭޝަނަލް ކޮމެޓީ ޓު ބްރޭކް ދަ ސީޖް އިން ބުނީ ޣައްޒާއަށް ވަންނަން ދިޔަ ބޯޓު މިސްރުގެ ކޯސްޓްގާޑުން ވަކި ހިސާބަކުން ރައްކާތެރިކަން ފޯރުކޮށްދިން ކަމަށެވެ.

ހުއްޓުވި ބޯޓުގައި 15 ގައުމެއްގެ 45 އެކްޓިވިސްޓުން ތިބިކަމަށް ވެއެވެ. އޭގެ ތެރޭގައި އަލްޖަޒީރާ އަދި ޕްރެސް ޓީވީގެ މީޑިއާގެ ބޭފުޅުންވެސް ހިމެނެއެވެ.

އިސްރާއީލުން ދެކޭގޮތުގައި ޣައްޒާ އެކަހެރިކޮށްފައި އޮތް އޮތުން ނިމުމަކަށް ގެންނަން އުޅޭ ޖަމާއަތްތަކުގެ މަސައްކަތްތައް ބައިނަލްގައުވާމީ ގާނޫނުތަކާ ފުށުއަރައެވެ.

އިސްރާއީލުން އެހީގެ ބޯޓު ހުއްޓުވިއިރު ނޯވޭގެ ބޯޓަކުން މިހާރުވެސް އެހީ ހިފައިގެން ދަނީ ޣައްޒާއަށް ދިޔުމަށް މިސްރާބް ޖަހައިފައެވެ.