17 Sep 2011, 13:24
މިދިޔަ ބުރާސްފަތި ދުވަހުގެރޭ ސ. ހިތަދޫގައި ގުރޫޕަކުން ހަމަލާދީ ޒަހަމްކޮށްލި ހިތަދޫ ދުގެތިމާގެ، ހަސަން ސުޖާއު 25، އަށް އިތުރު ފަރުވާދިނުމަށް މިއަދު ހަވީރު މާލެ ގެނައުމަށް ހަމަޖެހިފައިވާކަމަށް ސ. ހިތަދޫ ރީޖިނަލް ހޮސްޕިޓަލުން ބުނެފި އެވެ.
ހިތަދޫ ރީޖިނަލް ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރު އަލީ މޫސާ މިއަދު ވިދާޅުވީ އޭނާއަށް ހިތަދޫ ރީޖަލަން ހޮސްޕިޓަލްގެ އައިސީޔޫގައި މިވަގުތު ފަރުވާދެމުން ގެންދާކަމަށާއި ޑޮކްޓަރުންގެ ލަފާގެ މަތިން މިއަދު ހަވީރު ޖަހާކަށް ހާއިރު މާލެ ފޮނުވާލުމަށް ނިންމާފައިވާކަމަށެވެ.
" އޭނައަށް އެބަހުރި ވާތްފަރާތު ކަންފަތާއި ހިސާބުން ފެށިގެން އަނގަޔާއިހަމަޔަށް އަދި ވާތްފަރާތު ބޮލަށް ވެސް އަނިޔާލިބިފައި. އަދި ވާތްފަރާތު ބުރަކަށްޓަށް ވަޅިއެއްކަހަލަ ތޫނުއެއްޗަކުން ހަމަލާ ދިނުމުން އޭގެ އަސަރު މެއާއިހަމަޔަށް ވެސް ކޮށްފަވާކަމަށް ޑޮކްޓަރުން އެބަ ވިދާޅުވޭ. ދެންހަމަ ވާތްފަރާތު ކޮނޑުުމައްޗައްވެސް އެބަހުރި ހަމަލާދީފައި. ކަނާތްފަރާތު މޭމައްޗައްވެސް ހަމަލާދީފައި ހުރީ. ޑޮކްޓަރުން ވިދާޅުވަނީ ވަރަށް އަވަހަށް އޭނަގެ ސީޓީ ސްކޭނެއް ހައްދަންޖެހޭނޭ. އެހެންވެ މާލެ ފޮނުވަނި ކަމަށް" އަލީ މޫސާ ވިދާޅުވި އެވެ.
ސީރިއަސް ހާލަތުގައި އޮތް ސުޖާއުގެ ފުރާނަ ސަލާމަތްކުރެވޭނެކަމުގެ ވަރަށްބޮޑު އުންމީދެއް އެބައޮތްކަމަށް ވެސް އޭނާ ބެއްލެވި ޑޮކްޓަރާ ހަވާލާދެއްވާ އަލީ މޫސާ ވިދާޅުވި އެވެ.
ފުލުހުން ބުނީ ގުރޫޕް އެ މާރާމާރީ އާ ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނާތީ އިތުރުއެއްވެސް ތަފްސީލެއް ދެވެން ނެތް ކަމަށެވެ.